މާލެ، ވިލިމާލެ، ގުޅިފަޅު އަދި ތިލަފުށި ގުޅުވާލުމަށް އިންޑިއާގެ އެހީގައި ކުރިއަށްގެންދާ ތިލަމާލެ ބްރިޖް ޕްރޮޖެކްޓުގެ 52 އިންސައްތަ މަސައްކަތް ނިމިފައިވާ ކަމަށް އިމާރާތްކުރުމާއި ބިނާވެށި ތަރައްގީކުރުމާ ބެހޭ ވުޒާރާއިން މިއަދު ހާމަކޮށްފިއެވެ.
އެ ވުޒާރާއިން މައުލޫމާތު ދެއްވި ގޮތުގައި، މި ޕްރޮޖެކްޓުގެ ދަށުން މިހާތަނަށް ހަތަރު ސަރަހައްދެއް ގުޅުވާލެވިފައިވާ ކަމަށާއި، މި މަޝްރޫއަށް މިހާތަނަށް 251 މިލިއަން އެމެރިކާ ޑޮލަރަށްވުރެ ގިނަ ޑޮލަރު ހޭދަކުރެވިފައިވާ ކަމަށް އެ ވުޒާރާއިން ފާހަގަކުރެއްވިއެވެ.
6.7 ކިލޯމީޓަރުގެ ދިގުމިނުގައި ތަރައްގީކުރެވޭ މި ބްރިޖު/ކޯޒްވޭ ލިންކުގައި ހިމެނޭ ތިން ނެވިގޭޝަން ބްރިޖުތަކުގެ ދިގުމިނުގައި 140 މީޓަރު ހުންނާނެއެވެ. މީގެ އިތުރުން، ފުން ފަޅުތަކުގައި 1.45 ކިލޯމީޓަރުގެ މެރިން ވިއަޑަކްޓާއި، މޫދު/ގޮނޑުދޮށުގައި 2.32 ކިލޯމީޓަރުގެ މެރިން ވިއަޑަކްޓް، އަދި ބިމާ އެއްހަމައެއްގައި 2.96 ކިލޯމީޓަރުގެ މަގު ވެސް މި މަޝްރޫއުގެ ދަށުން ތަރައްގީކުރެވޭނެއެވެ.
މި މަޝްރޫއުގެ މަސައްކަތް އިންޑިއާގެ އެފްކޮންސް އިންފްރާސްޓްރަކްޗަރއާ ހަވާލުކުރެވުނީ 2021 ވަނަ އަހަރުގެ އޮގަސްޓް މަހުގެ 26 ވަނަ ދުވަހުއެވެ. މި މަޝްރޫއަށް ޖުމުލަ 500 މިލިއަން އެމެރިކާ ޑޮލަރު (7.7 ބިލިއަން ރުފިޔާ) ހޭދަވާނެ ކަމަށް ލަފާކުރެވޭއިރު، އިންޑިއާ ސަރުކާރުން ވަނީ 400 މިލިއަން ޑޮލަރުގެ ލޯނަކާއި 100 މިލިއަން ޑޮލަރުގެ ހިލޭ އެހީ މި މަޝްރޫއަށް ދެއްވާފައެވެ.
މި މަޝްރޫއުގެ ދަށުން ވިލިމާލޭގައި އުޅަނދުފަހަރު ދަތުރުކުރުމަށް ރޭމްޕެއް ހެދުމާއި، ގުޅީފަޅުގައި އުޅަނދުފަހަރު ދަތުރުކުރުމަށް މަގެއް ހެދުން ހިމެނެއެވެ. އަދި ވިލިމާލެ އާއި ތިލަފުށިން ބައެއް ހިއްކުމުގެ މަސައްކަތްތައް ވެސް މި މަޝްރޫއުގެ ދަށުން ކުރިއަށްދާނެއެވެ.

