ތެލަސީމިއާ ސެންޓަރުގެ ހިދުމަތްތައް ހުޅުމާލޭގެ އޮރެންޖް ހިޔާއަށް ބަދަލު ކުރުމުގެ މަސައްކަތް ނިންމަން ސިފައިންނާ ހަވާލުކޮށްފައިވާ ކަމަށް ރައީުސުލްޖުމްހޫރިއްޔާ ޑރ މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެ އެވެ.
“ރައްޔިތުންނާ އެކު” ގެ ނަމުގައި ރައީސް އޮފީހުން ގެނެސްދިން ޕޮޑްކާސްޓުގައި ވާހަކަފުޅު ދައްކަވަމުން ރައީސް ވިދާޅުވީ، ތެލަސީމިއާ ސެންޓަރުގެ ހާލަތު ރަނގަޅުކުރުމަށް އިތުރު މަސައްކަތްތަކެއް ކުރުމަށް ވަނީ ނިންމާފައި ކަމަށެވެ. މިގޮތުން، އޮރެންޖް ހިޔާގެ އިމާރާތުން ފްލޯއެއް ތެލެސީމިއާ ސެންޓަރު ހިންގުމަށް ހަމަޖެހިފައިވާއިރު، އެތަނުގެ މަސައްކަތް ހަވާލުކުރި ކުންފުނިން މަސައްކަތް ނުނިންމާތީ، މިހާރު އެ މަސައްކަތް ހަވާލުކޮށްފައި ވަނީ ސިފައިންނާ ކަމަށެވެ.
“އެދުވަހުން އެދުވަހަށް އަޅުގަނޑުވާނީ ސިފައިންނަށް މަސައްކަތް ހަވާލުކޮށްފައި. އޭރު ކޮންޓްރެކްޓް އޮތް ފަރާތުގެ މުއްދަތު ހަމަވޭ. އެހެންވެ މުއްދަތު އިތުރު ނުކޮށް ގާނޫނާއި ގަވާއިދުގެ ތެރެއިން އެކަން އޮންނަ އުސޫލުން ނިމުމަކަށް ގެނެސްގެން،” ރައީސް ވިދާޅުވިއެވެ.
ރައީސް އިތުރަށް ވިދާޅުވީ، ސިފައިން މާދަމާއިން ފެށިގެން މަސައްކަތް ފަށާނެ ކަމަށާއި، އަންނަ އޭޕްރީލް މަހުގެ ނިޔަލަށް އެ މަސައްކަތް އެއްކޮށް ނިންމާނެ ކަމަށެވެ. އަދި ތެލެސީމިއާ ބަލިމީހުންނާއި އެމީހުންގެ ބެލެނިވެރިންނަށް އެމްޓީސީސީގެ ބަހުގައި ހިލޭ ދަތުރުކުރެވޭނެ އިންތިޒާމު ހަމަޖައްސާނެ ކަމަށްވެސް ވިދާޅުވިއެވެ.
މީގެއިތުރުން، 2017 ވަނަ އަހަރުން ފެށިގެން ތެލެސީމިއާ ސެންޓަރު ހިންގަމުން އައީ ޑިރެކްޓަރ ޖެނެރަލެއް ނެތި ކަމަށާއި، މިހާރު އަޙްމަދު މައުސޫމް އެ މަޤާމަށް އައްޔަންކޮށްފައިވާ ކަމަށްވެސް ރައީސް ވިދާޅުވިއެވެ.
މިދިޔަ އާދިއްތަ ދުވަހުގެ ރޭ ތެލަސީމިއާ ސެންޓަރުގެ ހިދުމަތްތަކާ މެދު ތެލަސީމިއާ މީހުންނާއި އާއިލާތަކުން މުޒާހަރާކުރުމާ ގުޅިގެން، ރައީސް އަމިއްލަފުޅަށް އެތަނަށް ވަޑައިގެން ހާލަތު ބައްލަވާލެއްވި ކަމަށްވެސް ފާހަގަކުރެއްވިއެވެ.

