ބިދޭސީ މަސައްކަތްތެރިއެއްގެ އަތުން ނާޖާއިޒު މަންފާ ހޯދި ކަމުގެ ތުހުމަތުގައި ބަންދުކޮށްފައިވާ ކުރީގެ އިމިގްރޭޝަން ކޮންޓްރޯލަރު މުހައްމަދު ޝަމްއާން ވަހީދު ބަންދުކުރި މައްސަލަ ހައިކޯޓަށް ހުށަހަޅައިފި އެވެ.
ބިދޭސީންގެ އަތުން ފައިސާ ނެގި ކަމުގެ ތުހުމަތުގައި މިދިޔަ ބުރާސްފަތި ދުވަހު އިމިގްރޭޝަން ކޮންޓްރޯލަރުގެ މަގާމުން ވަކިކުރި ޝަމްއާން، ހުކުރު ދުވަހުގެ ރޭ ފުލުހުންގެ ބެލުމުގެ ދަށަށް ގެންދިއުމަށްފަހު، ކްރިމިނަލް ކޯޓުން ވަނީ 15 ދުވަހުގެ މުއްދަތަށް ބަންދުކުރުމަށް އަމުރުކޮށްފައެވެ. ހައިކޯޓުގެ ރަޖިސްޓްރީން ދައްކާ ގޮތުން، މި އަމުރު އިސްތިއުނާފުކުރުމަށް އިއްޔެ ވަނީ ހުށަހަޅާފައެވެ.
ފުލުހުން ބުނާ ގޮތުގައި، އިމިގްރޭޝަންގެ ބައެއް އޮފިސަރުން މަގާމުގެ ނުފޫޒު ބޭނުންކޮށްގެން ބިދޭސީން ދިރިއުޅޭ ގެއަކަށް ރެއިޑްކޮށް، އެތަނުން ހައްޔަރުކުރި ބިދޭސީއަކު 530,000 ރުފިޔާ ދިނުމުން ދޫކޮށްލީ ޝަމްއާންގެ އަމުރަކަށް ކަމަށް ތުހުމަތުކުރެވެއެވެ. އަދި މި ފައިސާ ޝަމްއާންގެ ގެއަށް ގެންދިޔަ ކަމަށްވެސް ފުލުހުން ތުހުމަތުކުރެއެވެ.
މި މައްސަލައާ ގުޅިގެން ޝަމްއާންގެ ގެ ބަލައި ފާސްކުރުމުގައި ގިނަ އަދަދެއްގެ ފައިސާއާއި އިލެކްޓްރޯނިކް ސާމާނު ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފައިވެއެވެ. އަދި މައްސަލައިގައި ޝަމްއާން ހިމެނޭގޮތަށް އިމިގްރޭޝަންގެ ކޮންޓްރޯލާ ޖެނެރަލްގެ ބިއުރޯގެ ފަސް އޮފިސަރަކު ވަނީ ހައްޔަރުކޮށްފައެވެ.

