ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓު (ވީއައިއޭ) ގެ ޑިޕާޗާ ޓާމިނަލުން ގަވާއިދާ ހިލާފަށް ސިނގިރޭޓު ކާޓަންތަކެއް ނެރެން އުޅުނު މައްސަލައިގައި އިތުރު މީހަކު ހައްޔަރުކޮށްފި އެވެ.
ނ. ވެލިދޫ، ގަސްކަރަ، މުހައްމަދު އައިހަމް (23) ހައްޔަރުކޮށްފައިވަނީ މި މަހުގެ 26 ވަނަ ދުވަހުގެ ރޭ ކޯޓު އަމުރެއްގެ ދަށުން، މި މަހުގެ 21 ވަނަ ދުވަހުގެ 15:55 ހާއިރު، ވީއައިއޭގެ ޑިއުޓީ ފްރީ ޝޮޕުން ގަވާއިދާ ޚިލާފަށް ސިނގިރޭޓް ބޭރުކުރަން އުޅުނު މައްސަލައިގައެވެ.
މި މައްސަލައިގައި އޭނާގެ ބަންދާމެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރުކުރުމުން، 10 ދުވަހުގެ މުއްދަތަށް ބަންދުގައި ބެހެއްޓުމަށް ކޯޓުން އަމުރުކޮށްފައިވެއެވެ. ފުލުހުން ބުނީ މި މައްސަލައިގެ ތަޙުޤީޤު މިހާރުވެސް ކުރިއަށްދާ ކަމަށެވެ.
މައުލޫމާތު ލިބިފައިވާ ގޮތުގައި އޭނާ ހައްޔަރުކުރެވުނު އިރު ހުރީ ސިފައިންގެ ޔުނިފޯމުގައި ކަމަށާއި، ބޭރުކުރަން އުޅުނީ އެއް ކާޓަން ސިނގިރޭޓް ކަމަށެވެ.
މި ހަފުތާގެ ތެރޭގައި ވީއައިއޭގެ ޑިއުޓީ ފްރީ ޝޮޕުން ސިނގިރޭޓް ވަގަށް ބޭރުކުރަން އުޅުނު މައްސަލައިގައި ދެ މީހަކު ވަނީ ހައްޔަރުކުރެވިފައެވެ. އޭގެ ތެރޭގައި ހިމެނޭ ފުލުހެއް މިހާރު ވަނީ މުސާރަ ނުލިބޭގޮތަށް ސަސްޕެންޑް ކުރެވިފައެވެ. ނަމަވެސް އެ މައްސަލައިގައި ހައްޔަރުކުރެވުނު ދެ މީހުން ކޯޓުން ވަނީ ދޫކޮށްލާފައެވެ.
ސިނގިރޭޓުގެ އަގަށް ގެނެވުނު ބަދަލާ ގުޅިގެން، ވީއައިއޭގެ ޑިއުޓީ ފްރީ ޝޮޕުން ސިނގިރޭޓް ގަނެ ބޭރުކުރުން ވަނީ މަނާކުރެވިފައެވެ. މި މަނާކުރުމާ ގުޅިގެން ސިނގިރޭޓް ވަގަށް ބޭރުކުރުމުގެ މައްސަލަތައް އިތުރުވެފައިވާކަން ފާހަގަކުރެވެއެވެ

