ގދ. ރަަތަފަންދޫ ގޮނޑުދޮށް ހިމާޔަތް ކުރުމުގެ މަޝްރޫއުގެ ތެރެއިން ކުރަމުންދާ މަސައްކަތުގެ 94 އިންސައްތަ މަސައްކަތް ނިންމާލެވިފައިވާ ކަމަށް އެމްޓީސީސީން ވިދާޅުވެއްޖެއެވެ.
އެގޮތުން، އެކްސްގައި ކުރި ޕޯސްޓެއްގައި މިނިސްޓްރީ އޮފް ކޮންސްޓްރަކްޝަން، ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރ އިން ވިދާޅުވެފައިވާ ގޮތުގައި ރަތަފަންދޫ ގޮނޑުދޮށް ހިމާޔަތްކުރުމުގެ މަޝްރޫޢުގެ 94 އިންސައްތަ މަސައްކަތް މިހާރު ފުރިހަމަކުރެވިފައިވާ ކަމަށާއި މިހާރު ކުރިއަށް ދަނީ ރިވެޓްމެންޓްގެ ރިޓެއިނިންގެ ވޯލުގެ މަސައްކަތް ކަމަށެވެ.
މި މަޝްރޫއުގެ ދަށުން 6،600 ކިއުބިކް މީޓަރުގެ ވެލި ގޮނޑުދޮށަށް އެޅުމާއި، 461 މީޓަރުގެ ސަރަހައްދެއްގައި ރިވެޓްމަންޓް ޖެހުމާއި 240 މީޓަރުގެ ސަރަހައްދެއްގައި ބޭރުތޮށިލުމުގެ މަސައްކަތް ހިމެނޭއިރު، މިއީ 26.27 މިލިއަން ރުފިޔާގެ މަޝްރޫއެއް ކަން ފާހަގަކޮށްލެވެއެވެ.
1400 އާއި ގާތްކުރާ އަދަދަކަށް ރައްޔިތުން ދިރިއުޅެމުން އަންނަ ރަތަފަންދޫ ގިރާ ސަރަޙައްދުން ރާޅު އަރައި ގެތަކަށް ގެއްލުން ވަމުންދާތާ ވަނީ އަހަރުތަކެއްވެފައެވެ. މީގެ ސަބަބުން އެ ސަރަޙައްދުގައި ދިރިއުޅޭ މީހުން ރަށުގެ އެހެން ހިސާބުތަކަށް ބަދަލުވެފައިވާއިރު، ސަރުކާރުން މި މައްސަލަ ހައްލުކުރުމަށް މި މަޝްރޫއު އެމްޓީސީސީ އާއި ހަވާލުކުރެވިގެން ފެށުނީ 2022 ވަނަ އަހަރުގެ އޭޕްރީލް މަހުގައެވެ.

