ހުޅުމާލޭގައި ސަރުކާރުން ތަރައްގީކުރާ ތެލެސީމިއާ ސެންޓަރުގެ މަސައްކަތް ސިފައިން ފަށައިފިއެވެ.
މި ސެންޓަރު ގާއިމްކުރުމުގެ މަސައްކަތް ސިފައިންނާއި ހަވާލުކުރުމުގެ ކުރިން އެތަނުގެ މަސައްކަތް ކުރުމަށް ހަވާލުކުރި ކުންފުންޏާއިއެކު ވެފައިވާ އެއްބަސްވުން ހަމަވެފައިވާއިރު، އެ ކުންފުނިން މަސައްކަތުގެ ދެބައިކުޅަ އެއްބައި ވެސް ނިންމާފައިނުވާކަން ފާހަގަކޮށްލެެވެއެވެ.
ހުޅުމާލޭގަ ހުންނަ އޮރެންޖު ހިޔާ އަށް ތެލެސީމިއާ ސެންޓަރު އަވަހަށް ބަދަލުކުުރަން ރައީސް ޑރ. މުހައްމަދު މުއިއްޒު ނިންމެވުމާއި ގުޅިގެން މި މަސައްކަތް މަސް ދުވަހުގެ ތެރޭގައި ނިންމުމަށް މަސައްކަތް މިއަދު ފަށާފައިވާ ކަމަށް އެމްއެންޑީއެފް އިން މައުލޫމާތުދެއެވެ.
ހަމައެއާއެކު، އޮރެންޖް ހިޔާއިން ތެލަސީމިއާގެ ޚިދުމަތް ފޯރުކޮށްދޭން ފެށުމުން އެ ތަނުން ޚިދުމަތް ހޯދާފަރާތްތައް އެތަނަށް ދަތުރުކުރުމަށް، އެމް.ޓީ.ސީ.ސީގެ ބަސް ހުއްޓިއެއް ހަމަޖެއްސުމާއެކު އެތަނަށް ހިލޭ ދަތުރުކުރެވޭނެ އިންތިޒާމް ހަމަޖެހިގެންދާނެކަމަށް ރައީސް، ޑރ. މުހައްމަދު މުޢިއްޒު ވަނީ އިއްޔެ ވިދާޅުވެފައެވެ.
ތެލިސީމިއާ ސެންޓަރުގެ މަސައްކަތް އިތުރަށް ހަރުދަނާ ކުރުމަށް މުހިންމު ނިންމުންތަކެއް ނިންމާފައިވާއިރު، އޭގެ ތެރޭގައި ތަނަށް ބޭނުންވާ ނަރުހުން އިތުރުކުރުމާއި، ތަނަށް ބޭނުންވާ އެކި ސާމާނު ހޯދުމާއި ހިއުމަން ރިސޯސް އިތުރުކުރުމުގެ އިތުުރުން، މުހިންމު އެކި ނިންމުންތައް ވަނީ ނިންމާފައެވެ.

