ރާއްޖޭގެ ސިއްޙީ ނިޒާމު ހަރުދަނާކުރުމަށް ސަރުކާރުން ކުރައްވަމުންދާ މަސައްކަތުގެ ދަށުން، 10 ރަށެއްގައި ސިއްޙީ ޚިދުމަތްދޭ ތަންތަން ތަރައްޤީކުރުމުގެ މަޝްރޫޢުތައް ސަރުކާރުގެ ތިން ކުންފުންޏަކާ ހަވާލުކޮށްފިއެވެ.
މި މަޝްރޫޢުގެ ދަށުން، އާރްޑީސީއާ ހަވާލުކޮށްފައިވަނީ
- ނ. ވެލިދޫ ހޮސްޕިޓަލުގެ އައު ޢިމާރާތް 108 މިލިއަން ރުފިޔާއަށްވުރެ ގިނަ އަދަދަކަށް
- އދ. ފެންފުށީ ސިއްޙީ މަރުކަޒުގެ އައު ޢިމާރާތް 26 މިލިއަން ރުފިޔާއަށްވުރެ ގިނަ އަދަދަކަށް
މި މަސައްކަތްތައް 2027 ވަނަ އަހަރުގެ ނިޔަލަށް ނިންމުމަށް ވަނީ ހަމަޖެހިފައެވެ.
ފެނަކަ ކޯޕަރޭޝަނާ ހަވާލުކޮށްފައިވަނީ ތިން ރަށެއްގެ މަސައްކަތެވެ. އެގޮތުން
- ބ. ކުޑަރިކިލު ސިއްޙީ މަރުކަޒު (7 މިލިއަން ރުފިޔާ)،
- ގއ. ކޮނޑޭ ސިއްޙީ މަރުކަޒު (6 މިލިއަން ރުފިޔާ)
- ގދ. ނަޑެއްލާ ސިއްޙީ މަރުކަޒު (6 މިލިއަން ރުފިޔާ) ގައި އިތުރު ޢިމާރާތްތައް އެޅުމުގެ މަސައްކަތް އަހަރެއްގެ ތެރޭގައި ނިންމުމަށް ވަނީ ހަވާލުކޮށްފައެވެ.
އެމްޓީސީސީއާ ހަވާލުކޮށްފައިވަނީ ހަތަރު ރަށެއްގައި އައު ހޮސްޕިޓަލު ޢިމާރާތްކުރުމުގެ މަސައްކަތެވެ.
- ށ. މިލަންދޫ އަދި ކ. ތުލުސްދޫގައި 110 މިލިއަން ރުފިޔާގެ ހޮސްޕިޓަލުތަކަކާއި،
- އއ. ރަސްދޫ އަދި ގއ. ވިލިނގިލީގައި 185 މިލިއަން ރުފިޔާގެ ހޮސްޕިޓަލުތަކެއް
- ހދ. ނެއްލައިދޫ ސިއްޙީ މަރުކަޒުގެ އައު ޢިމާރާތުގެ މަސައްކަތްވެސް 11 މިލިއަން ރުފިޔާއަށް އެމްޓީސީސީއާ ވަނީ ހަވާލުކޮށްފަ
“މުޅި ސިއްޙީ ނިޒާމު ހަރުދަނާކުރުމަށް ކުރެވޭ މަސައްކަތުގެ އެންމެ ބޮޑު ހިއްސާއެއް އޮތް މަސައްކަތަކީ މި ދާއިރާގެ ޢުމްރާނީ ތަރައްޤީ” ކަމަށް ސިއްޙަތާ ބެހޭ ވަޒީރު ޢަބްދުﷲ ނާޡިމް އިބްރާހީމް ވިދާޅުވިއެވެ. އަދި މި މަހުގެ ތެރޭގައި އިތުރު 9 ރަށެއްގައިވެސް ސިއްޙީ ދާއިރާގެ ޢުމްރާނީ ތަރައްޤީގެ މަޝްރޫޢުތައް ވަނީ ކޮންޓްރެކްޓަރުންނާ ހަވާލުކޮށްފައެވެ.

