ތިން ރަށެއްގައި ކޮމިޔުނިޓީ ބޭސްޑް ރިހެބިލިޓޭޝަން ސެންޓަރު ހެދުމުގެ މަސައްކަތް ރޯޑް ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އާރްޑީސީ) އާ މިއަދު ހަވާލުކޮށްފިއެވެ.
ނ. ވެލިދޫ، ކ. ކާށިދޫ އަދި ލ. ގަމުގައި މި ސެންޓަރުތައް ހެދުމުގެ އެއްބަސްވުމުގައި ނެޝަނަލް ޑްރަގް އެޖެންސީ (އެންޑީއޭ) ގެ ފަރާތުން ސޮއިކުރެއްވީ އެ އިދާރާގެ އެކްޓިން ސީއީއޯ މުހައްމަދު ރާޝިދު (ރާޑޯ) އެވެ. އަދި އާރްޑީސީގެ ފަރާތުން ސޮއިކުރެއްވީ އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރު ބްރިގޭޑިއާ ޖެނެރަލް (ރިޓަޔާޑް) އަލީ ޒުހެއިރެވެ.
މަސްތުވާތަކެތީގެ ވަބާއިން މުޖުތަމަޢު ސަލާމަތްކުރުމަށް ސަރުކާރުން ކުރަމުންދާ މަސައްކަތްތަކުގެ ތެރެއިން، މަސްތުވާތަކެތި ބޭނުންކުރާ ފަރާތްތަކަށް ފަރުވާ ދިނުމުގެ ޚިދުމަތް ފުޅާކުރުމަށް އެންޑީއޭއިން ދަނީ ގިނަގުނަ މަސައްކަތްތަކެއް ކުރަމުންނެވެ.
މި މަސައްކަތްތަކުގެ ތެރޭގައި ކ. ހިންމަފުށީގައި ހުންނަ ރިހެބިލިޓޭޝަން ސެންޓަރުގެ ޖާގަ އިތުރުކުރުމުގެ މަސައްކަތްވެސް ހިމެނެއެވެ. މި މަސައްކަތް ނިމުމުން، މިހާރު އެ މަރުކަޒުގައި ހުރި ޖާގައަށްވުރެ 1،000 މީހުންގެ ޖާގަ އިތުރުވެގެންދާނެ ކަމަށް އެ މަރުކަޒުން މަޢުލޫމާތު ދެއެވެ.
އައު ތިން ރިހެބިލިޓޭޝަން ސެންޓަރާއި ހިންމަފުށީ ރިހެބިލިޓޭޝަން ސެންޓަރުގެ ޖާގަ އިތުރުކުރުމުގެ މަޝްރޫޢު ނިމުމުން، މަސްތުވާތަކެތީގެ ވަބާއިން އަރައިގަތުމަށް ބޭނުންވާ ފަރާތްތަކަށް ފަރުވާ ހޯދުމުގެ ފުރުސަތު އިތުރަށް ފަހިވެގެންދާނެއެވެ.

