ޓެލެވިޜަން މޯލްޑިވްސްގެ 47 ވަނަ އަހަރީ ދުވަހާ ގުޅިގެން ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ތަހުނިޔާގެ މެސެޖެއް ފޮނުއްވައިފިއެވެ.
މި މެސެޖުގައި ރައީސުލްޖުމްހޫރިއްޔާ ވަނީ ދިވެހިރާއްޖޭގެ ޤައުމީ މީޑިއާއަށް އިތުރު ކުރިއެރުމާއި ކާމިޔާބީއަށް އެދިވަޑައިގެންފައެވެ.
ސޯޝަލް މީޑިއާގައި ހިއްސާކުރެއްވި ޕޯސްޓެއްގައި ރައީސުލްޖުމްހޫރިއްޔާ ވަނީ ޓީވީއެމްއަށް ޚިދުމަތް ކުރައްވާފައިވާ އަދި މިހާރު ޚިދުމަތުގައި ދެމިތިބި އެންމެހައި މުވައްޒަފުންނަށް ތަހުނިޔާ ފޮނުއްވާފައެވެ. ދިވެހިރާއްޖޭގެ އެންމެ ފުރަތަމަ ޓީވީ ޗެނަލްގެ ގޮތުގައި 1978 ވަނަ އަހަރުގެ މާރިޗު 29 ވަނަ ދުވަހު ފެށުނު ޓީވީއެމްގެ ޚިދުމަތް މިހާރު ވަނީ 47 އަހަރު ފުރިހަމަކޮށްފައެވެ.
މިދިޔަ 47 އަހަރުގެ ތެރޭގައި ޓީވީއެމްއިން ވަނީ ބްރޯޑްކާސްޓިންގ ދާއިރާއިން ގިނަ ކުރިއެރުންތަކެއް ހޯދާފައެވެ. ޒަމާނީ ވަސީލަތްތަކާއެކު ބެލުންތެރިންނަށް ގަޔާވާނެ ފަދަ އުފެއްދުންތަކެއް ގެނެސްދިނުމުގައި ޓީވީއެމްއިން ދަނީ މުހިންމު ދައުރެއް އަދާކުރަމުންނެވެ.
ޤައުމީ ފެންވަރުގެ އިންތިޚާބުތަކާއި މުނާސަބަތުތަކުގެ އިތުރުން، ޤުދުރަތީ ކާރިސާތަކާއި ޙާދިސާތަކުގެ ވަގުތުތަކުގައިވެސް، ދައުލަތުގެ މީޑިއާގެ ހައިސިއްޔަތުން އާންމުންނަށް މަޢުލޫމާތު ފޯރުކޮށްދިނުމުގައި ޓީވީއެމްއިން އަދާކުރަމުންދާ ދައުރަކީ ފާހަގަކޮށްލެވޭ މަސައްކަތެކެވެ.

