މިއަހަރުގެ ޝައްވާލް މަހުގެ ހަނދު ސާބިތުކުރުމަށް ބާއްވާ ޖަލްސާ މިރޭ 8:00 ގައި ބޭއްވުމަށް ވަނީ ހަމަޖެހިފައެވެ. ފަލަކީ ހިސާބުތަކުން ދައްކާ ގޮތުގައި މިއަހަރުގެ ފިތުރު ޢީދު ދުވަހަކީ މީލާދީ ގޮތުން މާރިޗު މަހުގެ 31 ވާ ހޯމަ ދުވަހެވެ.
އިސްލާމީ ކަންތައްތަކާބެހޭ ވުޒާރާއިން މަޢުލޫމާތު ދެއްވާފައިވާ ގޮތުގައި، އެހެން އަހަރުތަކެކޭ އެއްގޮތަށް މިއަހަރުވެސް ހަނދުބެލުމުގެ ކަންކަން ކުރިއަށް ގެންދިޔުމަށް ވަނީ ނިންމާފައެވެ. މިގޮތުން ހަނދު ސާބިތުކުރުމަށްޓަކައި ހެކިބަސް ދިނުމުގެ އިންތިޒާމުތައް ޑިޕާޓްމަންޓް އޮފް ޖުޑީޝަލް އެޑްމިނިސްޓްރޭޝަން (ޑީޖޭއޭ) އިން ވަނީ ހަމަޖައްސާފައެވެ.
ޑީޖޭއޭއިން ހާމަކުރެއްވި ގޮތުގައި، މާރިޗު 29 ވާ ހޮނިހިރު ދުވަހުގެ ހަވީރު 5:30 އިން ފެށިގެން ޖުޑީޝަލް އެޑްމިނިސްޓްރޭޝަނާއި، ރަށްރަށުގެ މެޖިސްޓްރޭޓް ކޯޓުތަކާއި، ރަށު ކައުންސިލް އަދި އަތޮޅު ކައުންސިލް އިދާރާތައް ހުޅުވިފައި ހުންނާނެއެވެ. މިއީ ހަނދު ދުށް ފަރާތްތަކުން ހެކިބަސް އަދާކުރުމަށާއި، ހަނދުގެ މައްސަލަ ވަކި ގޮތަކަށް ނިމެންދެން ހުޅުވިފައި ބެހެއްޓުމަށް ހަމަޖެހިފައިވާ ގަޑިތަކެވެ.
މާލޭގައި ހަނދު ފެނުނު ކަމުގެ ހެކިބަސް އަދާކުރެވޭނީ މާލޭގެ ކޯޓެއްގެ ޤާޟީއެއްގެ ކުރިފުޅުމަތީގައެވެ. އަދި އަތޮޅުތެރޭގައިނަމަ އެ ރަށެއްގެ މެޖިސްޓްރޭޓް ކޯޓުގެ މެޖިސްޓްރޭޓްގެ ކުރިފުޅުމަތީގައެވެ. މެޖިސްޓްރޭޓެއް ނެތް ރަށެއްގައިނަމަ ކައުންސިލް އިދާރާއާ ހަވާލުވެ ހުންނެވި އިސްވެރިއެއްގެ ކުރިފުޅުމަތީގައި ހެކިބަސް އަދާކުރެވޭނެއެވެ.
ޑީޖޭއޭއިން އެދިވަޑައިގެންފައިވަނީ ހަނދު ފެނުނު ކަމުގެ މަޢުލޫމާތު ދޭއިރު، ހަނދު ހުރި އުސްމިނާއި މިސްރާބު ފަދަ މުހިންމު މަޢުލޫމާތު ހިމެނުމަށެވެ. އަދި މި ޖަލްސާގެ ލައިވް ކަވަރޭޖް ޕީއެސްއެމްގެ ޗެނަލްތަކުން ގެނެސްދިނުމަށް ވަނީ ހަމަޖެހިފައެވެ.

