މާދަމާއަކީ މިއަހަރުގެ ފިތުރު ޢީދު ދުވަސްކަން އިއުލާން ކޮށްފި އެވެ.
މާދަމާއަކީ މިއަހަރުގެ ފިޠުރު ޢީދު ދުވަސްކަމަށް ކަނޑައަޅުއްވައި، އިސްލާމިކް މިނިސްޓްރީން މި ނިންމުން ނިންމާފައި ވަނީ ޝައްވާލުމަހުގެ ހަނދު ސާބިތުކުރުމަށް މިރޭ އިސްލާމީ މަރުކަޒުގައި ބޭއްވި ޖަލްސާއަށްފަހު، އިސްލާމީ ކަންތައްތަކާބެހޭ ވަޒީރު ޑރ. މުޙައްމަދު ޝަހީމް ޢަލީ ސަޢީދު އިއްވެވި ހަނދާ ބެހޭ ބަޔާނުގައެވެ.
އިސްލާމިކް މިނިސްޓްރީގެ ބަޔާނުގައި ފާހަގަކޮށްފައިވާ ގޮތުގައި، ރާއްޖޭގެ އެއްވެސް ރަށަކަށް ހަނދު ނުފެނުނު ނަމަވެސް، އިސްލާމީ ބައެއް ޤައުމުތަކަށް ހަނދު ސާބިތުވެފައިވާކަމުގެ ރަސްމީ ޚަބަރު ލިބިފައިވެއެވެ. އެހެންކަމުން މާރިޗު 30 ވާ އާދީއްތަ ދުވަހަކީ ހިޖުރީ ސަނަތުން 1446 ވަނަ އަހަރުގެ ޝައްވާލު މަހުގެ އެއްވަނަ ދުވަސް ކަމުގައި ވަނީ ކަނޑައަޅާފައެވެ.
ރާއްޖޭގެ އިތުރުން ސަޢުދީ ޢަރަބިއްޔާއާއި އިސްލާމީ ވަރަށް ގިނަ ޤައުމުތަކުންވެސް ވަނީ މާދަމާއަކީ މިއަހަރުގެ ފިޠުރު އީދު ދުވަސްކަމަށް ކަނޑައަޅާފައެވެ. މިއީ ރަމަޟާން މަހެކޭ އެއްފަދައިން ޝައްވާލު މަހުގެ ހަނދުބެލުމުގެ މުހިންމު އިސްލާމީ އަޅުކަމެކެވެ.
މިޒަމާނުގައި ރާއްޖެއާއި އިސްލާމީ ބޮޑެތި އެހެން ޤައުމުތަކުގައިވެސް ހަނދުބެލުމުގައި ބުރަވަނީ އިތުބާރުހުރި ފަލަކީ ހިސާބަށެވެ. މިގޮތަށް ޢަމަލުކުރަނީ އުދަރެހުގައި ވިލާގިނަވުމުގެ ސަބަބުން ޢަމަލީގޮތުން ހަނދުބެލުމަށް ދަތިތަކެއް ކުރިމަތިވާތީއެވެ. ނަމާދު ވަގުތު ބެލުމާއި މިނޫންވެސް ވަރަށް ގިނަ ކަންކަމުގައި އިސްލާމީ ޤައުމުތަކުގައި ފަލަކީ ހިސާބަށް ބަރޯސާވެއެވެ.

