ހުވަދު އަތޮޅުގެ 6 ރަށެއްގައި އަލަށް އިމާރާތްކުރުމަށް ހަމަޖެހިފައިވާ ފުލުހުންގެ މަރުކަޒުތަކުގެ ބިންގާ މިއަދު އަޅައިފިއެވެ.
މި މަރުކަޒުތަކުގެ ބިންގާ އެޅުމުގެ ރަސްމިއްޔާތު ކުރިއަށް ގެންގޮސްފައިވަނީ ކޮމިޝަނަރ އޮފް ޕޮލިސް އަލްފާޟިލް ޢަލީ ޝުޖާޢުގެ އަތްޕުޅުންނެވެ.
މިއަދު ބިންގާ އެޅި މަރުކަޒުތައް އިމާރާތްކުރެވެނީ ގއ. ވިލިނގިލި، ގއ. ގެމަނަފުށި، ގދ. ގައްދޫ، ގދ. ވާދޫ، ގދ. ފަރެސްމާތޮޑާ އަދި ގދ. މަޑަވެލީގައެވެ. މި ރަސްމިއްޔާތުތަކުގައި ޑެޕިއުޓީ ކޮމިޝަނަރ އޮފް ޕޮލިސް ފަރުހާދު ފިކުރީ އާއި ފުލުހުންގެ އިސް އޮފިސަރުންގެ އިތުރުން އެ ރަށްރަށުގެ ކައުންސިލް މެންބަރުންނާއި އެކި މުއައްސަސާތަކުގެ އިސްވެރިން ބައިވެރިވެ ވަޑައިގެންނެވިއެވެ.
ކޮމިޝަނަރ އޮފް ޕޮލިސް މި ރަށްތަކުގެ ފުލުހުންގެ މަރުކަޒުތަކުގެ ބިންގާ އަޅުއްވައި ދެއްވާފައިވަނީ ހުވަދުއަތޮޅުގެ ދެ ބުރީގެ ބައެއް ރަށްތަކަށް ކުރައްވަމުން ގެންދަވާ ރަސްމީ ދަތުރުފުޅެއްގެ ތެރެއިންނެވެ.
މި މަރުކަޒުތައް އިމާރާތްކުރުމަކީ ރާއްޖޭގެ އެކި ސަރަހައްދުތަކުގައި ފުލުހުންގެ ޚިދުމަތް ފުޅާކޮށް، ރައްޔިތުންނާ ގާތުން ޚިދުމަތް ފޯރުކޮށްދިނުމަށް އެޅޭ މުހިންމު ފިޔަވަޅެކެވެ. މި މަރުކަޒުތައް ހުޅުވުމުން އެ ރަށްރަށުގެ ރައްޔިތުންނަށް ފުލުހުންގެ ޚިދުމަތް ފަސޭހަކަމާއެކު ލިބިގެންދާނެއެވެ.

