ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު، 1446 ވަނަ އަހަރުގެ ފިޠުރު ޢީދުގެ މުނާސަބަތުގައި އިސްލާމީ ޤައުމުތަކުގެ ވެރިންނަށާއި، ސަރުކާރުތަކަށް އަދި ރައްޔިތުންނަށް ތަހުނިޔާ ފޮނުއްވައިފިއެވެ. މި ތަހުނިޔާ ފޮނުއްވާފައިވަނީ ދިވެހި ސަރުކާރާއި ރައްޔިތުންގެ ނަމުގައެވެ.
އިސްލާމީ ޤައުމުތަކުގެ އިސްވެރިންނަށް ވަކިވަކިން ފޮނުއްވި ތަހުނިޔާގެ މެސެޖުތަކުގައި ރައީސުލްޖުމްހޫރިއްޔާ ފާހަގަކުރައްވާފައިވަނީ، މި ދުވަހަކީ ހެޔޮކަމުން ފުރިގެންވާ ދުވަހެއްގެ ގޮތުގައެވެ. އަދި ބަރަކާތްތެރި ރަމަޟާން މަހުގެ ހަނދާން އައުކޮށް، އިޖުތިމާޢީ ގުޅުންތައް ބަދަހިކުރުމުގެ ފުރުސަތެއް ކަމުގައި ވެސް ވިދާޅުވެފައިވެއެވެ.
މީގެއިތުރުން ރައީސުލްޖުމްހޫރިއްޔާ އެ މެސެޖުތަކުގައި ފާހަގަކުރައްވާފައިވަނީ، މި ދުވަހަކީ އޯގާތެރިކަމާއި ޞަދަޤާތުގެ ރިވެތި ސިފައާއި ގުޅިގެން އިސްލާމް ދީނުގައިވާ އުނގަންނައިދިނުންތަކާ މެދު ވިސްނާނެ ދުވަހަކަށް ވާނެ ކަމުގެ އުންމީދު ކުރައްވާ ކަމުގައެވެ.
ރައީސުލްޖުމްހޫރިއްޔާގެ މެސެޖުތައް ނިންމަވާލައްވާފައިވަނީ އިސްލާމީ ޤައުމުތަކުގެ ވެރިންނަށާއި ރައްޔިތުންނަށް އިތުރު ފަހި ފުރުޞަތުތަކާއި ތަނަވަސްކަމާއި އުފާވެރިކަމާއި ކާމިޔާބީގެ މަތިވެރި ނިޢުމަތް، މާތް الله މިންވަރު ކުރެއްވުން އެދިވަޑައިގެން ދުޢާކުރައްވަމުންނެވެ.

