މިއަހަރު ޒަކާތުގެ ގޮތުގައި ލިބުނު 12 މިލިއަނަށްވުރެ ގިނަ ރުފިޔާގެ ތެރެއިން 500,000 ރުފިޔާ ފަލަސްތީނުގެ ގާޒާގެ ކުޑަކުދިންގެ ކާބޯތަކެތި ހޯދުމަށް ހޭދަކުރުމަށް އިސްލާމިކް މިނިސްޓްރީން ނިންމައިފިއެވެ.
އިސްލާމިކް މިނިސްޓަރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު ވިދާޅުވި ގޮތުގައި، މިއަހަރުގެ ފިތުރު ޒަކާތުގެ ގޮތުގައި ރާއްޖޭގެ ކޮންމެ ފަގީރަކަށް 4,500 ރުފިޔާ ޖެހުނެވެ. އަދި އެ ފައިސާ ވަނީ އެފަރާތްތަކުގެ އެކައުންޓުތަކަށް ޖަމާކޮށްދީފައެވެ.
އައު އުސޫލަކުން ޒަކާތް ބެހުން
މިނިސްޓަރު ހާމަކުރެއްވި ގޮތުގައި މިއަހަރު ފިތުރު ޒަކާތުގެ ފައިސާ ބަހާފައިވަނީ ހުރިހާ ފަގީރުންގެ މެދުގައި އެއް ހަމައަކުންނެވެ. މީގެ ކުރިން ޒަކާތް ބަހަމުން އައީ އެ ރަށަކަށް ލިބޭ ފައިސާ އެ ރަށެއްގެ ފަގީރުންގެ މެދުގައެވެ. އެހެންކަމުން ފަގީރުން މަދު ރަށްރަށުގައި ޒަކާތުގެ ގޮތުގައި 8,000 ރުފިޔާއިން 12,000 ރުފިޔާއާ ހަމައަށް ލިބޭ ފަހަރުވެސް އާދެއެވެ.
މީގެ އިތުރުން މާލޭ ސަރަހައްދުގައި ދިރިއުޅޭ ފަގީރުންނަށް ގޮވާމުން 15 ކިލޯ ބެހުމަށްވެސް ވަނީ ހަމަޖެހިފައެވެ.
"ރާއްޖެއިން ވަނީ ހާލުގައި ޖެހިފައިވާ ފަލަސްތީނުގެ ރައްޔިތުންނަށް މީގެ ކުރިންވެސް ގިނަ އެހީތަކެއް ފޯރުކޮށްދީފައި،" މިނިސްޓަރު ވިދާޅުވިއެވެ.

