ގދ އަތޮޅު ކައުންސިލުން ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑު ޕްރިންޓް ކުރުމުގެ ހިދުމަތް ފަށައިފިއެވެ.
މި ހިދުމަތް ދެމުން ގެންދާނީ އަތޮޅު ކައުންސިލުން ކަމަށް ޑިޕާޓްމެންޓް އޮފް ނޭޝަނަލް ރަޖިސްޓްރޭޝަން (ޑީއެންއާރް) އިން މިއަދު ހާމަކުރިއެވެ.
ޑީއެންއާރްއިން ބުނީ، ގދ.އަތޮޅު ކައުންސިލުން އައިޑީ ކާޑު ޕްރިންޓްކޮށް، އެ އަތޮޅުގެ ހުރިހާ ރަށަކަށް ބެހުމުގެ ކަންކަން ކުރިއަށް ގެންދާނެ ކަމަށެވެ. މީގެ ސަބަބުން އަވަހަށް އައިޑީ ކާޑު ލިބޭނެ މަގު ފަހިވެގެންދާނެއެވެ. މިއީ މާލެއިން ބޭރުން އަތޮޅުތަކުގައި އައިޑީ ކާޑު ޕްރިންޓްކޮށް، ދޫކުރުމުގެ ހިދުމަތް ދޭ 14 ވަނަ ސަރަހައްދެވެ.
ރާއްޖޭގެ މީހުން ދިރިއުޅޭ ކޮންމެ އަތޮޅަކުން ނުވަތަ އަތޮޅުވެރިކަން ކުރާ ރަށަކުން އައިޑީ ކާޑުގެ ޚިދުމަތް ފޯރުކޮށްދިނުމަކީ ރައީސް ޑރ. މުހައްމަދު މުޢިއްޒުގެ ވައުދުފުޅެކެވެ. މި ވައުދު ފުއްދުމަށް ދާހިލީ ވުޒާރާއިން ދަނީ މަސައްކަތް ކުރަމުންނެވެ.
ޑީއެންއާރުގެ 174 ކަލެކްޓިން ސެންޓަރު ޤާއިމު ކޮށްފައިވާއިރު، ފުރަތަމަ ފަހަރަށް އޮންލައިންކޮށް އައިޑީކާޑު ހެދުމުގެ މަސައްކަތް ފެށީ ކޮވިޑާ ގުޅިގެން 2021 ގައެވެ. އަދި 2023 ވަނަ އަހަރުގެ މާރިޗު މަހުގެ ތެރޭގައި އަމިއްލައަށް ކާޑަށް އެދެވޭނެ އޮންލައިން ޕޯޓަލްއެއް ވަނީ ޤާއިމުކޮށްފައެވެ.
އައިޑީކާޑު، ޕްރިންޓް ކުރުމުގެ ޚިދުމަތް ފުރަތަމަ ފަހަރަށް އަތޮޅުތެރޭގެ ރަށެއްގައި ފަށާފައިވަނީ ގއ. ވިލިނގިލީގައެވެ. މިހާރު ކާޑު ޕްރިންޓުކުރުމަށް ފަހު، ޑީއެންއާރުން އެ މީހަކު ހުރި ރަށެއްގެ ކައުންސިލަށް ކާޑު ފޮނުވޭނެ ހިދުމަތްވެސް ދެމުން ގެންދެއެވެ.

