ހުޅުމާލޭގައި ހުންނަ އަޒީޒާ މޫސާ މިސްކިތުގެ އިމާމާއި އޭނާގެ ބަދަލުގައި ހަމަޖެއްސި އިމާމު ވެސް އީދު ނަމާދަށް ހާޒިރުނުވުމާ ގުޅިގެން އެ ދެ މީހުންނާ މެދު އިސްލާހީ ފިޔަވަޅު އެޅުމަށް އަންގައިފިއެވެ.
ދިވެހިރާއްޖޭގައި އީދު ނަމާދު ފަށަނީ ހެނދުނު 7:00 ގައެވެ. ނަމަވެސް މިއަދު އަޒީޒާ މޫސާ މިސްކިތުގެ އިމާމާއި ބަދަލު އިމާމު ވެސް މިސްކިތަށް ހާޒިރުވެފައެއް ނުވެއެވެ. އެހެންކަމުން، އެ މިސްކިތުގައި އީދު ނަމާދު ކުރިއަށް ގެންގޮސްފައިވަނީ ބިދޭސީއެކެވެ.
އިސްލާމިކް މިނިސްޓަރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު ވިދާޅުވެފައިވަނީ އީދު ނަމާދުކުރުމަށް ހަވާލުކުރެވުނު އިމާމާއި އޭނާގެ ބަދަލުގައި ހަމަޖެއްސި އިމާމު ވެސް ހާޒިރުވެފައި ނުވާ ކަމަށެވެ. މިސްކިތުގެ އަސްލު އިމާމަކީ ބަދަލު އިމާމުގެ ގޮތުގައި ވެސް ހަމަޖައްސާފައިވާ ފަރާތް ކަމަށް އެ މަނިކުފާނު ވިދާޅުވިއެވެ.
މިނިސްޓްރީއަށް ނާންގައި ޖަމާޢަތަށް ހާޒިރުނުވުމާ ގުޅިގެން، އުސޫލުގެ ތެރެއިން އިމާމުކަމުގެ ވަޒީފާއިން ސަސްޕެންޑްކުރުމަށް ކަމާބެހޭ ޔުނިޓަށް އަންގާފައިވާ ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.
"އިމާމުގެ ބަދަލު އިމާމު ގޮތުގައި ހަމަޖައްސާފައިވަނީ މިސްކިތުގައި ހުންނަ އަސްލު އިމާމުކަމުން، މިނިސްޓްރީއަށް ނާންގައި ޖަމާޢަތަށް ހާޒިރުނުވާތީ އެ މައްސަލަ ވެސް ވަކިން ބަލައި އުސޫލުގެ ތެރެއިން އިމާމުކަމުގެ ވަޒީފާއިން ސަސް ޕެންޑްކުރުމަށް ވެސް ވަނީ ކަމާބެހޭ ޔުނިޓަށް އަންގާފައި،" ވަޒީރު ޑރ ޝަހީމް،
އަޒީޒާ މިސްކިތަށް ދެ އިމާމުން ވެސް ނުދިއުމުން ގިނަ ބައެއްގެ ފާޑުކިޔުން ވަނީ އަމާޒުވެފައެވެ. އިމާމުން މިސްކިތްތަކަށް ނުދިއުމަކީ ރާއްޖޭގައި އާންމުކޮށް ހިނގާ ކަމެއް ނޫންކަން ފާހަގަކުރެވެއެވެ.

