ރާއްޖޭގައި މިއަދު ފިތުރު އީދު ކުލަގަދަކޮށް ފާހަގަކުރާއިރު، އިސްލާމީ ބައެއް ގައުމުތަކަށް ދިވެހިންގެ ފަރާތުން އީދު ހަދިޔާ ފޯރުކޮށްދީފިއެވެ.
ޚިދުމަތް ޖަމްއިއްޔާގެ ފަރާތުން ކުރިއަށް ގެންދިޔަ “ގިފްޓް ވިތް ސްމައިލް” ޕްރޮގްރާމްގެ ދަށުން ޣައްޒާގެ ތުއްތު ކުދިންނަށް އީދު ހެދުން ފޯރުކޮށްދީފައިވެއެވެ.
މިއަހަރުގެ އީދު ހަދިޔާ ކެމްޕޭން ޚިދުމަތް ޖަމްއިއްޔާއިން ވަނީ ޣައްޒާ، އަފްޣާނިސްތާން، ސޫރިޔާ އަދި ބަންގްލަދޭޝްގެ ރޮހިންގްޔާ ކޭމްޕް ފަދަ ތަންތަނުގައި ހިންގާފައެވެ. މިއީ ކޮންމެ އަހަރެއްގެ ފިތުރު އީދުގައިވެސް ޖަމްއިއްޔާއިން ކުރިއަށްގެންދާ ޚާއްސަ ޕްރޮގްރާމެކެވެ.
ރާއްޖޭގައި ވެސް އީދު ހަދިޔާ ބެހުމުގެ ޕްރޮގްރާމްތައް ކުރިއަށްދާއިރު، ޚިދުމަތް ޖަމިއްޔާ އުކުޅަސް ހޯޕްގެ ފަރާތުން މިއަދު ހަވީރު ހުޅުމާލެ ސެންޓްރަލް ޕާކުގައި އޮންނަ ކުޑަކުދިންގެ ހަވީރުގައި 1000 ގިފްޓް ޕެކް ބެހުމަށް ވަނީ ހަމަޖެހިފައެވެ.
މީގެއިތުރުން ގްރޭޓަރ މާލެ ސަރަހައްދުގެ ހުރިހާ އަވަށަކާއި ރާއްޖޭގެ ބައެއް ރަށްރަށުގައި އިސް ރަށްވެހިންނަށް ވެސް އީދު ހަދިޔާ ބެހުމަށް ވަނީ ހަމަޖެހިފައެވެ.
ޚިދުމަތް ޖަމްއިއްޔާއިން ބުނީ މިފަދަ ޕްރޮގްރާމްތައް ކާމިޔާބުކަމާއެކު ކުރިއަށް ގެންދެވެނީ “ދިވެހި ލޮބުވެތި ރައްޔިތުންގެ ފަރާތުން ލިބޭ އެހީތެރިކަމާއި އެއްބާރުލުމާއި އެކުގައި” ކަމަށެވެ. އަދި މި މަސައްކަތުގައި އެހީތެރިވި އެންމެހާ ފަރާތްތަކަށް ޖަމްއިއްޔާއިން ވަނީ ޝުކުރު ދަންނަވާފައެވެ.

