ފިޠުރު ޢީދު ދުވަހުގެ މުނާސަބަތުގައި ބޭއްވުނު “ޢީދު ހަވީރު 1446” ގައި ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒާއި އެމަނިކުފާނުގެ ޢާއިލާއިން ބައިވެރިވެވަޑައިގެންފިއެވެ.
މި ހަވީރަކީ ދިވެހި ޤައުމީ ދިފާޢީ ބާރާއި ސަރުކާރު އިދާރާތަކާއި ސަރުކާރު ހިއްސާވާ ކުންފުނިތަކުން ގުޅިގެން އިންތިޒާމުކުރި ހަރަކާތެކެވެ.
ސަލްޓަންޕާކާއި، ޖުމްހޫރީ މައިދާނާއި، އިސްލާމީ މަރުކަޒު ހިމެނޭ ސަރަޙައްދުގައި ކުރިއަށްގެންދިޔަ މި ހަރަކާތަށް ރައީސް ޑރ މުޢިއްޒު ވަޑައިގެންނެވުމުން، އެމަނިކުފާނުގެ އިސްތިޤުބާލުގައި ސަންގު ފުމުމުގެ ރަސްމިއްޔާތެއް ބޭއްވުނެވެ. މި ހަރަކާތަކީ ޢާންމުންނަށް ހުޅުވާލައިގެން ބޭއްވުނު ހަރަކާތެކެވެ.
ރައީސް ޑރ މުޢިއްޒާއި އެމަނިކުފާނުގެ ޢާއިލާއިން ވަނީ އެކި ކުންފުނިތަކުން އިސްނަގައިގެން ތައްޔާރުކޮށްފައިވާ ސްޓޯލްތައް ޒިޔާރަތްކުރައްވާ ބައްލަވާލައްވާފައެވެ. މީގެއިތުރުން، ޢިއްޒުއްދީން ފާލަމުގެ ކުރިމަތީގައި ޢީދު ހަވީރަށް ޚާއްޞަކޮށް ތައްޔާރުކޮށްފައިވާ ކޭކު ފެޅުމުގެ ރަސްމިއްޔާތުގައިވެސް އެމަނިކުފާނު ބައިވެރިވެވަޑައިގެންނެވިއެވެ.
ކޭކު ފެޅުމުގެ ރަސްމިއްޔާތުގައި ރައީސް ޑރ މުޢިއްޒާއެކު އެ ހަވީރަށް ޒިޔާރަތްކުރި ގިނަ ޢަދަދެއްގެ ކުޑަކުދިންވެސް ބައިވެރިވިއެވެ. މި ހަވީރަކީ ޢީދު ދުވަހުގެ އުފާވެރިކަން ފާހަގަކުރުމަށް ބޭއްވުނު ކާމިޔާބު ހަރަކާތެއްގެ ގޮތުގައި ފާހަގަކުރެވެއެވެ.

