ފިތުރު އީދާ ގުޅިގެން ބޭއްވޭ “އީދު ހަވީރު 1446” ގެ ހަރަކާތްތައް އަންގާރަ ދުވަހުގެ ނިޔަލަށް ކުރިއަށް ގެންދިއުމަށް ނިންމައިފިއެވެ. މި ހަރަކާތްތައް ކުރިއަށް ގެންދާނީ މާރޗް 31 އަދި އޭޕްރީލް 1 ވަނަ ދުވަހުގެ ހަވީރު 4 އިން 6 އަށް ޖުމްހޫރީ މައިދާން ސަރަހައްދުގައެވެ.
މިއަދު ހަވީރު ފެށުނު އީދު ހަވީރުގެ ހަރަކާތްތައް ކުރިއަށް ގެންދިޔައީ މޯލްޑިވްސް ނެޝަނަލް ޑިފެންސް ފޯސް (އެމްއެންޑީއެފް)، ދިވެހި ފުލުހުންގެ ޚިދުމަތް އަދި ސަރުކާރުގެ 8 ކުންފުންޏެއް ގުޅިގެންނެވެ. މި ހަރަކާތްތައް ބޭއްވުނީ ސަލްޓަން ޕާކު، ޝަހީދުންގެ ބިނާ ސަރަހައްދު އަދި ޖުމްހޫރީ މައިދާނުގައެވެ. މި ހަރަކާތުގައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު އާއިލާއާއެކު ބައިވެރިވެ ވަޑައިގެންނެވިއެވެ.
އީދު ހަވީރުގައި އެމްޓީސީސީން “އެމްޓީސީސީ އީދު ކޯޑީ” ގެ ނަމުގައި ހާއްސަ ސްޓޯލެއް ބަހައްޓައި، ޚާއްސަ ހަރަކާތްތަކެއް ކުރިއަށް ގެންދިޔައެވެ. މީގެއިތުރުން ވެމްކޯ، އެމްއޭސީއެލް ފަދަ އެހެނިހެން ސަރުކާރު ކުންފުނިތަކުން ވެސް ތަފާތު ހަރަކާތްތައް ކުރިއަށް ގެންދިޔައެވެ.
މިރޭގެ ހަރަކާތްތަކުގެ ތެރޭގައި ހުޅުމާލޭ ސެންޓްރަލް ޕާކުގައި ހަވާ އަރުވައި ޑްރޯން ޝޯއެއް ބޭއްވުނެވެ. އަދި މާލޭގައި ދިވެހިންގެ ސަގާފީ ކުޅިވަރެއް ކަމަށްވާ “ހިއްޗަށް ދިޔުން” ވެސް ކުރިއަށް ގެންދެވުނެވެ. މި ހަރަކާތްތައް ބަލާލުމަށް މާލެ ސަރަހައްދުގެ ގިނަ ރައްޔިތުން އެއްވެ، އީދުގެ އުފާ ފާޅުކުރިއެވެ.
އީދު ހަވީރުގެ ހުރިހާ ހަރަކާތްތަކަށް ވަރަށް ބޮޑު ތަރުހީބެއް ލިބިފައިވާކަން ފާހަގަކުރެވެއެވެ. މި ހަރަކާތްތައް ކުރިއަށްދާނީ އަންނަ އަންގާރަ ދުވަހާ ހަމައަށެވެ.

