1446 ވަނަ އަހަރުގެ ފިތުރު އީދު ދުވަސް ފާހަގަކުރުމުގެ ގޮތުން މިރޭ ހުޅުމާލޭގައި ޑްރޯން ޝޯއެއް ބާއްވައި، ހަވާ އަރުވައިފިއެވެ. މި ހަރަކާތްތައް އިންތިޒާމުކޮށްފައިވަނީ ހައުސިން ޑިވެލޮޕްމެންޓް ކޯޕަރޭޝަން (އެޗް (އެޗްޑީސީ) އިންނެވެ.
ހުޅުމާލޭ ސެންޓްރަލް ޕާކުގައި ބޭއްވުނު ޑްރޯން ޝޯ 30 މިނެޓަށް ކުރިއަށް ގެންދިޔައެވެ. މި ޝޯގައި އިސްލާމް ދީނާ ގުޅުންހުރި މަންޒަރުތަކާއި، ރާއްޖޭގެ ސަގާފަތާއި، އެޗްޑީސީއާ ގުޅުންހުރި މަންޒަރުތައް ދައްކާފައިވާއިރު އަދި ފަލަސްތީނުގެ މުސްލިމުންގެ ހަނދާންއާ ކުރުމުގެ ގޮތުން، ފަލަސްތީނުގެ ދިދަ ހިތެއްގެ ސިފައިގައި ދެއްކިއެވެ.
ޑްރޯން ޝޯގެ ފަހުން، އެމްއެންޑީއެފުން ވަނީ އެ ސަރަހައްދުގައި ގާތްގަނޑަކަށް ތިން މިނެޓަށް ހަވާ އަރުވާފައެވެ. މި ހަރަކާތްތައް ބަލައިލުމަށް ސެންޓްރަލް ޕާކު ސަރަހައްދަށް ގިނަ އަދަދެއްގެ މީހުން އެއްވިއެވެ.
ރައީސް ޑދރ މުޙައްމަދު މުއިއްޒު ވަނީ، އީދު ކުލަގަދަކޮށް ފާހަގަކުރުމަށް އިސްކަން ދެއްވާނެ ކަމަށް ވިދާޅުވެފައެވެ. މިގޮތުން މިދިޔަ އަހަރާއި މި އަހަރު ވެސް އީދު ދުވަސްތަކުގައި ގިނަ ހަރަކާތްތައް ބާއްވާފައިވެއެވެ.
މި އަހަރުގެ ފިތުރު އީދު ފާހަގަކުރަން ފަށާފައިވަނީ، މާލެ ހިމެނޭ ގޮތަށް 64 ރަށެއްގައި ރޭ އީދު ބޮކިތައް ދިއްލުމަށް ފަހުގައެވެ. މިއަދު ހަވީރު އެމްއެންޑީއެފުން އިސްވެ އިންތިޒާމުކޮށްގެން މާލޭގެ އެކި ސަރަހައްދުތަކުގައި ކުޑަކުދިންނާ ގުޅުންހުރި ހަރަކާތްތައް ބާއްވާފައިވެއެވެ. މި ހަރަކާތްތަކުގައި ރައީސް މުޙައްމަދު މުއިއްޒު އަދި އެ މަނިކުފާނުގެ އާއިލާ ވެސް ބައިވެރިވެވަޑައިގެންނެވިއެވެ.

