މިދިޔަ ހޮނިހިރު ދުވަހުގެ ޕީކް ގަޑިތަކުގައި ކަރަންޓު ބޭނުންކުރެވުނު މިންވަރު ހުކުރު ދުވަހާއި އަޅާބަލާއިރު އިތުރުވެފައިވާ ކަމަށް ސްޓެލްކޯއިން މިއަދު ހާމަކޮށްފިއެވެ.
ސްޓެލްކޯއިން ހާމަކުރި މަޢުލޫމާތުގައިވާ ގޮތުން، ހޮނިހިރު ދުވަހު އެންމެ ގިނައިން ކަރަންޓު ބޭނުންކޮށްފައިވަނީ ހަވީރު 4:00 ގައެވެ. އެ ގަޑީގައި ކަރަންޓު ބޭނުންކުރި މިންވަރު ވަނީ 103.8 މެގަވޮޓަށް އަރާފައެވެ. މިއީ ޕީކް ގަޑިތަކުގައި 104 މެގަވޮޓާ ގާތްކުރާ އަދަދެކެވެ.
ކަރަންޓު ބޭނުންކުރާ މިންވަރު އިތުރުވެފައިވާތީ، ކަރަންޓު ބޭނުން ކުރާ މިންވަރު އިތުރުކަމަށް ފާހަގަ ކުރެވިފައިވާ ގަޑިތަކުގައި ކަރަންޓު އިގްތިޞާދު ކުރުމަށް ޚާއްސަ ސަމާލުކަމެއް ދިނުމަށް ސްޓެލްކޯއިން ވަނީ އިލްތިމާސްކޮށްފައެވެ.
ރޯދަމަހަކީ އާންމުކޮށް ކަރަންޓުގެ ބާވަތްތައް ވަރަށް ގިނައިން ބޭނުންކުރާ މަހަކަށްވާތީ، ކަރަންޓުގެ ބާވަތްތައް ބޭނުންކުރުމުގައި ވީހާވެސް ކަރަންޓުގެ ހަރަދު ކުޑަވާނެހެން ބޭނުންކުރުމަށް ސްޓެލްކޯއިން ވަނީ އާންމުންނަށް އިލްތިމާސްކޮށްފައެވެ.
މި ރޯދަ މަހުގައި ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ނިންމެވުމަކާ ގުޅިގެން، ކަރަންޓު އަދި ފެން ބިލުން ޑިސްކައުންޓް ދެއްވުމަށް ވަނީ ނިންމަވާފައެވެ. މިގޮތުން ހުރިހާ ގޭބީސީއަކަށްވެސް އެންމެ މަދުވެގެން 10 ޕަސެންޓާ ހަމައަށް ޑިސްކައުންޓު ލިބޭނެ ކަމަށް ސްޓެލްކޯއިން ވަނީ ހާމަކޮށްފައެވެ.

