ގެދޮރުވެރިޔާ ސްކީމުގެ ދަށުން އާންމުކުރި ފްލެޓް ލިސްޓަށް ޝަކުވާ ހުށަހެޅުމަށް ރައްޔިތުންނަށް ފަސޭހަކޮށްދިނުމަށް އެހީތެރިކަން ބޭނުންވާ ފަރާތްތަކަށް މާލެ ސިޓީ ކައުންސިލުން އެހީތެރިކަން ފޯރުކޮށްދިނުމަށް ނިންމައިފިއެވެ.
އެގޮތުން، މާލެ ސިޓީ ކައުންސިލުން ވިދާޅުވިގޮތުގައި ގެދޮރުވެރިޔާ ސްކީމްގެ ދަށުން ޝަކުވާ ހުށަހެޅުމަށް ބޭނުންވާ ފަރާތްތަކަށް އެހީތެރިކަން ފޯރުކޮށްދިނުމުގެ ކަންކަން އެ އިދާރާގެ އާންމު ހިިދުމަތްތަކާބެހޭ ބައިން މިއަދުން ފެށިގެން އެޕްރީލް 15 ވަނަ ދުވަހުގެ ނިޔަލަށް، ހުކުރު ދުވަސް ފިޔަވައި ކޮންމެ ދުވަހަކުވެސް ކުރިއަށްދާނެ ކަމަށެވެ.
މިއާއެކު، މިއަދުން ފެށިގެން އެޕްރީލް 5 ވަނަ ދުވަހާއި ހަމައަށް ކޮންމެ ދުވަހެއްގެ ހެނދުނު 10:00 ން 14:30 އަށް، އަދި ރޭގަނޑު 21:30 ން 23:00 އަށް ހިދުމަތް ފޯރުކޮށްދޭއިރު، އެޕްރީލް 6 ވަނަ ދުވަހުން ފެށިގެން އެޕްރީލް 15 ވަނަ ދުވަހާއި ހަމައަށް ހިދުމަތް ފޯރުކޮށްދޭނީ ކޮންމެ ދުވަހެއްގެ ހެނދުނު 09:00 ން 16:00އަށް، އަދި ރޭގަނޑު 21:00 ން 23:00 އަށް ކަމަށް އެ އިދާރާއިން މައުލޫމާތުދެއެެވެ.
ފްލެޓް ލިސްޓަށް ޝަކުވާ ހުށަހެޅުމުގެ މުއްދަތު ސަރުކާރުން އޭޕްރިލް 15 ވަނަ ދުވަހާއި ހަމައަށް އިތުރު ކޮށްފަައިފައިވާއިރު، ލިސްޓުގައި ޝަރުތު ހަމަނުވާކަމަށް ކަނޑައަޅާފައިވާ ފަރާތްތަކުން ހުށަހަޅާ ޝަކުވާތަކަށް ބަލައި، ސަރުކާރުގެ އިދާރާތަކުގައިހުރި އެ ފަރާތްތަކުގެ މައުލޫމާތުތަކުގެ ތެރެއިން މިނިސްޓްރީއަށް ޗެކްކުރެވެން ހުރި މަޢުލޫމާތުތަކަށް ރިއާޔަތްކޮށް ޝަރުތު ހަމަވާކަން ސާބިތުވާނަމަ އެ ފަރާތްތަކަށް ޙައްލު ހޯދައިދެވޭނެ ކަމަށް މިނިސްޓްރީން ވަނީ އެދިފައެވެ.
މި ސްކީމުގެ ދަށުން އާންމުކުރި ފްލެޓް ލިސްޓުގެ ތެރެއިން ޗެކްކުރި 4،939 ފޯމުގެ ތެރެއިން ފްލެޓް ލިބިފައިވަނީ 1،820 ފަރާތަކަށެވެ.

