ފިހާރައަކުން 10 ކޮފީ ފުޅި ވަގަށް ނެގި މައްސަލައިގައި މީހަކު ހައްޔަރުކޮށްފިއެވެ. މި މައްސަލައިގައި ހައްޔަރުކޮށްފައިވަނީ ގދ. ގައްދޫ/ ކުއްޅަވަށްގެ، އިބްރާހިމް ޝާކިރު (43އ) އެވެ.
ކްރިމިނަލް ކޯޓުގެ ބަންދު އަމުރުތަކުން އެނގޭ ގޮތުގައި، މި މައްސަލައާ ގުޅިގެން އޭނާ ހައްޔަރުކޮށް ބަންދާމެދު ގޮތެއް ނިންމުމަށް ކްރިމިނަލް ކޯޓަށް ހާޒިރުކުރުމުން، އޭނާ 7 ދުވަހުގެ މުއްދަތަށް ބަންދުގައި ބެހެއްޓުމަށް ވަނީ ނިންމާފައެވެ.
ކޯޓު އަމުރުގައިވާ ގޮތުން، އިބްރާހިމް ޝާކިރަކީ މިހާތަނަށް ހައްޔަރާއި ބަންދުގެ 40 ރެކޯޑް އޮތް މީހެކެވެ. މިއީ އޭނާގެ މައްޗަށް ތުހުމަތުކުރެވިފައިވާ އެތައް މައްސަލަތަކެއްގެ ތެރެއިން އެންމެ ފަހުގެ މައްސަލައެވެ.
މީގެ ދުވަސްކޮޅެއް ކުރިން މާލޭގެ އަނބުގަހަކުން ވައްކަން ކުރި މައްސަލައެއްގައި ވެސް މީހަކު ވަނީ ހައްޔަރުކޮށްފައެވެ. އެ މައްސަލައިގައި ހައްޔަރުކުރެވުނު ފަރާތަކީވެސް އޭގެ ކުރިން ދެ ފަހަރެއްގެ މަތިން ހައްޔަރުކޮށް ބަންދުކުރެވިފައިވާ މީހެކެވެ.

