މަސްތުވާތަކެތިން އަރައިގަތުމަށް ދެވޭ ފަރުވާގެ ތެރެއިން ޚުލްޤުވެރިކަން އަށަގަންނުވާނެކަމަށް ނެޝަނަލް ޑްރަގް އެޖެންސީގެ އެކްޓިން ސީއީއޯ މުޙައްމަދު ރާޝިދު ވިދާޅުވެއްޖެއެވެ. ރާޝިދު މިކަން ފާހަގަކުރެއްވީ ދައުލަތުގެ މީޑިއާގެ ޕްރޮގުރާމްގައި ދެއްކެވި ވާހަކައިގައެވެ.
ރާއްޖޭގައި މަސްތުވާތަކެތިން އަރައިގަތުމަށް މަރުކަޒެއް ޤާއިމުކޮށް ފަރުވާދޭން ފެށީ 1997 ވަނަ އަހަރުއެވެ. އޭގެފަހުން މިހާތަނަށް އައިއިރު ފަރުވާގެ ނިޒާމަށް ވަނީ ގިނަގުނަ ބަދަލުތަކެއް ގެނެވި، ޒަމާނީ ޓެކްނީކްތައް ތަޢާރަފުކުރެވިފައެވެ.
“މީހާގެ ޒާތީ ދިރިއުޅުމާއި އޭނާ ފޫހިވާ ކަންކަމާއި ޝައުޤުތަކުގެ ވާހަކަ ދައްކަންޖެހޭ. އެކަން ދެނެގަނެވިގެން ފަރުވާދިނީމަ އޭނަ ބަދަލުވޭ. ދެން އޭނާއަށް ބޭނުންވާ ކަންކަން ވަށައިޖެހޭނެ ގޮތަކަށް ކޮށްދީގެން ރަނގަޅު ހެޔޮ މީހެއްގެ ގޮތުގައި މުޖުތަމަޢަށް އަނބުރާ ނެރެވޭނީ،” ރާޝިދު ވިދާޅުވިއެވެ.
އެންޑީއޭއިން މަޢުލޫމާތު ދެއްވާގޮތުގައި ރާއްޖޭގައި މަސްތުވާތަކެތިން އަރައިގަތުމަށް ފަރުވާ ދެމުން އަންނަނީ އެ ޢަމަލުގެ ވަބާގައި ޖެހިފައިވާ ފަރާތްތައް އެތަނުގެ ބަންދުގައި ބަހައްޓައިގެން، އިސްލާޙު ކުރުމުގެ ފަރުވާ ޕްރޮގްރާމްތައް ހިންގައިދީ، މަސްތުވާތަކެތިން ސަލާމަތް ވެވޭނެ މަގުދައްކައިދީގެން ކަމަށެވެ.
މިވަގުތު ރާއްޖޭގައި މަސްތުވާތަކެތިން އަރައިގަތުމަށް ފަރުވާދޭ 6 ސެންޓަރެއް ހުރެއެވެ. ފަރުވާއަށް ބޭނުންވާ މީހުންގެ އަދަދު ދުވަހުން ދުވަހަށް އިތުރުވަމުންދާތީ، ސަރުކާރުން މިހާރު މަސައްކަތް ކުރައްވަމުން ގެންދަވަނީ ސެންޓަރުތަކުގެ ޖާގަ އިތުރުކުރުމަށެވެ. މިގޮތުން ހިންމަފުށީގައި ހުންނަ ޑްރަގް ރީހެބިލިޓޭޝަން ސެންޓަރަށް 1000 ޖާގަ އިތުރުކުރުމަކީ ސަރުކާރުގެ އަމާޒެކެވެ.

