ފިޠުރު ޢީދާ ގުޅުވައިގެން ބާއްވަމުންދާ “ޢީދު ހަވީރު” މިއަދުވެސް އޮންނާނެ އެވެ. މި ހަރަކާތްތައް ކުރިއަށްދާނީ ޖުމްހޫރީ މައިދާނާއި، އިސްލާމީ މަރުކަޒު ހިމެނޭ ސަރަޙައްދުގެ އިތުރުން ސަލްޓަން ޕާކުގައެވެ.
އާންމުންގެ ފަރާތުން ލިބުނު ފުރިހަމަ ތަރުހީބާއި، ގިނަ ފަރާތްތަކުން އެދެމުންދިއުމާ ގުޅިގެން ސަރުކާރުން ވަނީ “ޢީދު ހަވީރު” އިތުރު ދެ ދުވަހަށް އިތުރުކުރުމަށް ނިންމާފައެވެ. މިއީ ފަހުގެ ތާރީޚެއްގައި މާލޭގައި ފިޠުރު ޢީދެއް މިހާ ކުލަގަދަކޮށް ފާހަގަކުރެވުނު ފުރަތަމަ ފަހަރެވެ.
ޤައުމީ ދިފާޢީ ބާރުން އިސްނަގައިގެން އިންތިޒާމުކުރި މި ހަރަކާތުގައި ސަރުކާރުގެ އެކި މުއައްސަސާތަކާއި ސަރުކާރު ހިއްސާވާ ކުންފުނިތަކުގެ ބައިވެރިވުން ހިމެނެއެވެ. މި ހަރަކާތުގައި ހުރިހާ އުމުރުފުރައެއްގެ މީހުންނަށް އަމާޒުކޮށްގެން ތަފާތު ގިނަ ހަރަކާތްތަކެއް ވަނީ ރޭވިފައެވެ.
ޢީދު ހަވީރުގެ ހަރަކާތްތަކުގެ ތެރޭގައި ރާއްޖޭގެ ކުރީގެ ސަޤާފަތް ދައްކުވައިދޭ ތަފާތު ހަރަކާތްތަކާއި، ކުރީ ޒަމާނުގައި ދިވެހިން ކުޅެއުޅުނު އެކި ކުޅިވަރުތައް ހިމެނެއެވެ. މީގެއިތުރުން ކުޑަކުދިންނަށް ޚާއްޞަކޮށްގެން ޒަމާނީ ކެރެކްޓަރުތަކުގެ ޝޯވއެއްވެސް ބޭއްވުމަށް ވަނީ ހަމަޖެހިފައެވެ.
މި ހަރަކާތްތަކަކީ ޢާއިލާތަކަށް އެކުގައި މުނިފޫހިފިލުވުމުގެ ފުރުސަތު ހޯދައިދިނުމަށާއި، ދިވެހި ސަޤާފަތް އާލާކުރުމަށް އަމާޒުކޮށްގެން ކުރިއަށްގެންދާ ހަރަކާތްތަކެކެވެ.

