އެމެރިކާއިން އީރާނަށް އަމާޒުކޮށްގެން ޑިއޭގޯ ގާސިއާގެ އަސްކަރީ މަރުކަޒު ބޭނުންކޮށް، ހަމަލާ ދިނުމުގެ ކުރިން އީރާނުގެ ހަތިޔާރު އެޅި ސިފައިން އެ މަރުކަޒަށް ހަމަލާ ދިނުމަށް ގޮވާލައިފިއެވެ.
އިރާނާއި އެމެރިކާއާއި ދެމެދު އުފެދިފައިވާ ނުތަނަވަސްކަމުގެ ތެރެއިން އީރާނުގެ އިސް އޮފިޝަލަކު ވިދާޅުވިގޮތުގައި، އިނގިރޭސިވިލާތާއި އެމެރިކާގެ ޖޮއިންޓް ބޭސްއަށް ބޭނުންކޮށްގެން ޑޮނަލްޑް ޓްރަމްޕް އީރާނަށް ހަމަލާދިނުން ހުއްޓުވުމަށް، އެ މަރުކަޒަށް ހަމަލާ ދިނުމަށް އަސްކަރީ ކޮމާންޑަރުންނަށް އަންގާފައިވާ ކަމަށެވެ.
ތެހެރާނުގައި ހުންނަވާ އޮފިޝަލް ދަ ޓެލެގްރާފް އަށް މައުލޫމާތުދީފައިވާ ގޮތުގަައި ޓްރަމްޕްގެ އިންޒާރުތައް އިތުރަށް ސީރިއަސްވެއްޖެ ނަމަ ޑިއޭގޯ ގާސިއާގެ އަސްކަރީ މަރުކަޒަށް ހަމަލާ ދިނުމަށް މަތީ ކޮމާންޑަރުންނަށް އިލްތިމާސް ކުރަމުން އަންނަ ކަމަށާއި އެމެރިކާއިން އެތަނުގައި ބޮން އަޅާ ޖެޓުތައް ބެހެއްޓި ފަހުން މި ޖަޒީރާއާ ބެހޭ މަޝްވަރާތައް ވަރުގަދަވެފައިވާ ކަމަށެވެ.
ސެޓެލައިޓް ފޮޓޯތަކުން ދައްކާ ގޮތުގައި މިދިޔަ ހަފްތާގައި އެމެރިކާ-ޔޫކޭގެ ސްޓްރެޓެޖިކް އައުޓްޕޯސްޓަށް މަދުވެގެން ތިން ބީ-2 ސްޕިރިޓް ޖެޓް އައިސްފައިވެ އެވެ.
“އުޑުމަތީގެ ޖިންނި” ގެ ނަމުން ނަންދެވިފައިވާ މި ބީ-2 ބޮން ގޮއްވާ ބޯޓުތަކަކީ އެންމެ ކުރިއަރާފައިވާ ވައިގެ ދިފާއީ ނިޒާމުތައް ލޫޓުވާލުމުގެ ގާބިލްކަން ހުރި ބޯޓުތަކެކެވެ.
ޑިއޭގޯ ގާސިއާގެ އަސްކަރީ މަރުކަޒު އިން ބީ-1 ލަންސަރ، ބީ-2 ސްޕިރިޓް، އަދި ބީ-52 ސްޓްރެޓޯފޯޓްރެސް ބޮން އަޅާ ބޯޓުތަކަށް ސަޕޯޓް ކުރާތީ، އެފްރިކާ، އޭޝިއާ އަދި އޯޝޭނިއާގެ ހުރިހާ ހިސާބެއްގައި ހިންގާ އޮޕަރޭޝަންތަކަށް މިއީ މުހިންމު މަރުކަޒެކެވެ. ގާތްގަނޑަކަށް 4،000 އެއްހާ އަސްކަރީ މުވައްޒަފުންނާއި ކޮންޓްރެކްޓަރުން މި މަރުކަޒުގައި މަސައްކަތް ކުރާއިރު، އޭގެ ތެރޭގައި ގިނަ މީހުންނަކީ އެމެރިކާ ރައްޔިތުން ކަން ފާހަގަކޮށްލެވެއެވެ.
އީރާނުގެ ދައުލަތުގެ މީޑިއާ އިން ރިޕޯޓްކޮށްފައިވާ ގޮތުގައި އެމެރިކާއިން ބީ-2 ސްޕިރިޓް ބޮން އަޅާ ބޯޓުތައް އީރާނުގެ ބިމުގެ އަޑީގައި ހަތިޔާރު ރައްކާކުރެވިފައި ހުންނަ ބިންގަރާސްތަކަށް ހަމަލާދިނުމަށް ލޯންޗިން ޕޮއިންޓެއްގެ ގޮތުގައި ޑިއޭގޯ ގާސިއާ ބޭނުން ކުރުން އެކަށީގެންވާ ކަމަށެވެ.
ޓްރަމްޕް އެނބުރި ވައިޓް ހައުސްއަށް ވަޑައިގަތް ފަހުން އީރާނާއި އެމެރިކާއާ ދެމެދު އުފެދިފައިވާ ނުތަނަވަސްކަން ވަނީ ވަރަށް ބޮޑަށް އިތުރުވެފަ އެވެ.

