އެމްޑަބްލިޔުއެސްސީގެ 30 ވަނަ އަހަރީ ދުވަހުގެ މުނާސަބަތުގައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު މުނާސަބަތުގައި ތަހުނިޔާ ވިދާޅުވެއްޖެއެވެ.
ރައީސް ޑރ. މުޢިއްޒު ސޯޝަލް މީޑިއާގައި ހިއްސާ ކުރެއްވި ޕޯސްޓެއްގައި އެމްޑަބްލިއުއެސްސީގެ ކުރީގެ އަދި މިހާރުގެ ޚިދުމަތްތެރިންނަށް މަރުޙަބާއާއި ޝުކުރު ދަންނަވާފައެވެ.
1995 ވަނަ އަހަރުގެ އޭޕްރީލް 1 ވަނަ ދުވަހު އުފެދުނު އެމްޑަބްލިޔުއެސްސީގެ މައިގަނޑު މަޤްޞަދަކީ އޭރު މާލެއަށް ދިމާވެފައިވާ ފެނުގެ ދަތިކަމަށް ޙައްލެއް ހޯދައި، ނަރުދަމާގެ ނިޒާމު ޤާއިމުކުރުމެވެ. މިއަދު އެ ކުންފުނިން ދެމުންދާ ޚިދުމަތްތައް ވަނީ މާލޭގެ އިތުރުން އަތޮޅުތެރޭގެ ބައެއް ރަށްރަށާއި މާލެ ސަރަހައްދަށް ފުޅާވެފައެވެ. މިހާރު އެމްޑަބްލިޔުއެސްސީން ގާތްގަނޑަކަށް 200,000 މީހުންނަށް ޚިދުމަތް ފޯރުކޮށްދެއެވެ.
ރައީސް މުޢިއްޒުގެ ވެރިކަމުގައި އެމްޑަބްލިޔުއެސްސީގެ ޚިދުމަތްތައް އިތުރަށް ފުޅާކުރުމަށް ގިނަ މަސައްކަތްތަކެއް ވަނީ ފެށިފައެވެ. މި މަސައްކަތްތަކުގެ ތެރޭގައި މާލޭގައި ފެން ރައްކާކުރެވޭ މިންވަރު 10,000 ޓަނަށް އިތުރުކުރުމުގެ މަޝްރޫޢު ހިމެނެއެވެ.
މީގެއިތުރުން، މާލެއާއި ހުޅުމާލޭގެ ފެން ރައްކާކުރާ ޕްލާންޓްތައް ސިނަމާލެ ބްރިޖު މެދުވެރިކޮށް ގުޅާލުމުގެ މަސައްކަތް ވެސް މިހާރު ވަނީ ނިމުމަކާ ކައިރިވެފައެވެ. އަދި ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ނަރުދަމާގެ 15 މަޝްރޫޢެއްގެ މަސައްކަތް ވެސް އެމްޑަބްލިޔުއެސްސީން ދަނީ ކުރިއަށް ގެންދަމުންނެވެ.

