މާލޭ ވޯޓަރ އެންޑް ސްވަރޭޖް ކަމްޕެނީ ޕްރައިވެޓް ލިމިޓެޑް، އެމްޑަބްލިޔުއެސްސީ އަށް މިއަދު 30 އަހަރު ފުރިއްޖެއެވެ.
މާލޭގެ އާބާދީއަށް ކުރިމަތިވެފައިވާ އެންމެ ބޮޑު އެއް މައްސަލަ ކަމުގައިވާ ފެނާއި ނަރުދަމާގެ މައްސަލައަށް ހައްލެއް ހޯދައިދިނުމަށްޓަކައި 1995 ވަނަ އަހަރުގެ އޭޕްރީލް މަހުގެ 1 ވަނަ ދުވަހު ވުޖޫދަށް އައި މާާލޭ ވޯޓަރ އެންޑް ސްވަރޭޖް ކަމްޕެނީ ޕްރައިވެޓް ލިމިޓެޑް، އެމްޑަބްލިޔުއެސްސީ އުުފެދިގެން ދިޔުންވީ ދިވެހި މުޖުތަމައުގެ ސިއްހީ ރައްކާތެރި ކަމަށާއި ގައުމުގެ ތަރައްޤީއަށް އެޅިގެންދިޔަ މުހިންމު އެއް ފިޔަވަޅަށް ކަން ފާހަގަކޮށްލެވެއެވެ.
60 މުވައްޒަފުންނާއި އެކީ އުފެދިގެންއައި އެމްޑަބްލިޔުއެސްސީ އިން އޭރު އައީ 60 ހާސް މީހުންގެ އާބާދީއެއް އޮތް މާލެއަށް ހިދުމަތްދެމުންނެވެ. އެހެންނަމަވެސް، މި ކުންފުނިން މިއަދު ދަނީ މާލޭގެ އިތުރުން ވިލިމާލެ، ހުޅުމާލެ، ގުޅީފަޅު، ތިލަފުށި، ކ.މާފުށި، ރ.ދުވާފަރު އަދި ހދ. ކުޅުދުއްފުށި ހިމެނޭގޮތުން 2 ލައްކަ މީހުންގެ އާބާދީ އަކަށް ފެނާއި ނަރުދަމާގެ ޚިދުމަތް ފޯރުކޮށްދެމުންނެވެ.
އެގޮތުން، އެމްޑަބްލިޔުއެސްސީގެ 30 ވަނަ އަހަރީ ދުވަހުގެ މުނާސަބަތުގައި މިއަހަރުގެ ތެރޭގައި ގިނަ ހަރަކާތްތައްކެއް ކުރިޔަށް
ގެންދިޔުމަށް އެ ކުންފުނިން ރާވާފައިވާއިރު، މީގެތެރޭގައ،ި ކުޑަކުދިންގެ ހަވީރު، ލޭ ހަދިޔާ ކުރުމުގެ ޕްރޮގްރާމް، ގަސްއިންދުމުގެ ޕްރޮގްރާމުގެ އިތުރުން ކަސްޓަމަރުންނަށް އަމާޒުކޮށްގެން ހިންގޭ ތަފާތު އެކި ޕްރޮގްރާމްތައް ހިމެނޭ ކަމަށް އެ ކުންފުނިން މައުލޫމާތުދެއެވެ.
އެމްޑަބްލިޔުއެސްސީގެ 30 ވަނަ އަހަރީ ދުވަހުގެ މުނާސަބަތުގައި ރައީސުލްޖުމްހޫރިއްޔާ ޑރ މުހައްމަދު މުއިއްޒުވެސް ވަނީ ސޯޝަލް މީޑީއާގައި ކުރި ޕޯސްޓެއްގައި އެ ކުންފުނީގެ ކުރީގެ އަދި މިހާރުގެ ހިދުމަތްތެރިންނަށް ޝުކުރު ދަންނަވާފައެވެ.
60 މުވައްޒަފުންނާއި އެކު ފެށި މިއަދު އެމްޑަބްލިޔުއެސްސީގައި މިއަދު 1,013 އަށްވުރެ ގިނަ މުވައްޒަފުން މަސައްކަތް ކުރަމުންދާއިރު، މި ކުންފުންޔަކީ % 100 ދިވެހި މެނޭޖްމެންޓެއް އޮތް ކުންފުންޔެއްކަން ފާހަގަކޮށްލެވެއެވެ.
މި ކުންފުނި އުފެދިގެން އައި އިރު ފެން އުފެއްދުމުގެ ޤާބިލްކަން ހުރީ ދުވާލަކު 900 ކޮޑި މީޓަރު ކަމުގައި ވީނަމަވެސް، މިއަދު މި ކުންފުނިން ދުވާލަކު 47,300 ކޮޑި މީޓަރުގެ ފެން އުފައްދައެވެ.
މީގެ ކުރިން 10،000 ކޮޑި މީޓަރުގެ ފެން ރައްކާކުރުމުގެ ގާބިލްކަން ހުރި ނަމަވެސް، އެމްޑަބްލިޔުއެސްސީ އިން މިހާރު ވަނީ 44,858 ކޮޑި މީޓަރުގެ ފެން ރައްކާ ކުރުމުގެ ޤާބިލްކަން ހޯދާފައެވެ.
ހުވަދޫ މީޑިއާގެ ފަރާތުން އެމްޑަބްލިޔުއެސްސީގެ މެނޭޖްމެންޓަށާއި އެންމެހައި ހިދުމަތްތެރި މުވައްޒަފުން ވަރުބަލިކަމެއްނެތި ރައްޔިތުންނަށް ފޯރުކޮށްދެމުންދާ އަގުހުރި މަސައްކަތް ފާހަގަކޮށް ޝުކުރު ދަންނަވަމެވެ.

