ފ. ނިލަންދޫގެ ނަރުދަމާ ނިޒާމަށް ދިމާވަމުންދާ މައްސަލަތަކަށް ދާއިމީ ހައްލެއް ހޯދުމަށްޓަކައި، އެ ނިޒާމު އަޕްގްރޭޑްކުރުމުގެ މަސައްކަތް އަންނަ މެއި މަހުގެ ތެރޭގައި ފެށޭނެ ކަމަށް އެމްޑަބްލިޔުއެސްސީގެ މެނޭޖިންގ ޑިރެކްޓަރ އަބްދުލްމަޠީން މުޙައްމަދު ވިދާޅުވެއްޖެއެވެ.
މީގެ 18 އަހަރު ކުރިން ނިލަންދޫގައި ޤާއިމުކުރެވުނު ނަރުދަމާ ނިޒާމަކީ 15 އަހަރުގެ މުއްދަތަށް އަމާޒުކޮށްގެން ޤާއިމުކުރެވުނު ނިޒާމެކެވެ. މި ނިޒާމަށް މިހާރު ދިމާވަމުންދާ މައްސަލަތަކުގެ ސަބަބުން ރައްޔިތުންނަށް ބޮޑެތި ތަކުލީފުތަކާ ކުރިމަތިލާން ޖެހިފައިވާ ކަމަށް އެމްޑަބްލިޔުއެސްސީން ފާހަގަކުރެއެވެ.
ސޯޝަލް މީޑިއާގައި ހިއްސާކުރެއްވި ޕޯސްޓެއްގައި މަޠީން ވިދާޅުވެފައިވަނީ، މިހާރު ނިލަންދޫގައި ޤާއިމުކޮށްފައިވަނީ ވެކިއުމް ނަރުދަމާ ނިޒާމެއް ކަމަށާއި، “މިފަދަ ނިޒާމުތަކަކީ ކުދި ހޮޅިތަކެއް މެދުވެރިކޮށް، ސެންޓްރަލް ޕްލާންޓަކަށް ނަޖިސް ދަމާ، އެ ޕްލާންޓުން ނަޖިސް ބޭރުކުރާ ގޮތަށް ފަރުމާކޮށްފައި ހުންނަ ނިޒާމެއް” ކަމުގައެވެ.
އަލަށް ޤާއިމުކުރުމަށް ހަމަޖެހިފައިވަނީ ގްރެވިޓީ ނަރުދަމާ ނިޒާމެކެވެ. މި ނިޒާމަކީ އަޑިއަށްވާގޮތަށް ބޮޑެތި ހޮޅިތަކެއް އެޅުމަށްފަހު ނަޖިސް ބޭރުކުރާ ގޮތަށް ފަރުމާކޮށްފައި ހުންނަ ނިޒާމެކެވެ. މި ނިޒާމާއެކު މިހާރު ދިމާވާ މައްސަލަތަކަށް ދާއިމީ ހައްލެއް ލިބިގެންދާނެ ކަމަށް މަޠީން ވިދާޅުވެފައިވެއެވެ.
މި މަޝްރޫޢުގެ ދަށުން ޑިޒައިން މަސައްކަތަށް ބޭނުންވާ ބިންތައް ކަނޑައެޅުމާއި، ލޭންޑް ސަރވޭ އަދި ޓޮޕޮގްރަފިކް ސަރވޭގެ މަސައްކަތް މިހާރު ވަނީ ނިމިފައެވެ. ޑިޒައިން ނިންމުމަށްފަހު، ޔުޓިލިޓީ ރެގިޔުލޭޓަރީ އޮތޯރިޓީގެ ހުއްދަތަކާއި އީއައިއޭ ނިންމުމަށްފަހު މެއި މަހުގެ ތެރޭގައި ޢަމަލީ މަސައްކަތް ފެށި، 2026 ވަނަ އަހަރުގެ ފަހުކޮޅު މަޝްރޫޢު ނިންމުމަށް ވަނީ ރޭވިފައެވެ

