ދައުލަތުގެ އާންމު މަންފާއަށްޓަކައި ހާސިލުކުރަން ބޭނުންވާ އިޤްތިޞާދީ ސިޔާސަތުގެ ދަށުން ހިންގާ މުހިންމު މަޝްރޫޢުތަކާ ގުޅޭގޮތުން ކްރޮސް ސަބްސިޑީ އުސޫލުން ޤައުމީ ސަލާމަތާ ގުޅުންހުރި މަޝްރޫޢުތަކަށް އިންވެސްޓްކުރަންޖެހޭ އެންމެ ކުޑަ އަދަދު 15 މިލިއަން ޑޮލަރުން 100 މިލިއަން ޑޮލަރަށް އިތުރުކޮށްފިއެވެ.
މި ބަދަލު ގެނެސްފައިވަނީ ރައީސުލްޖުމްހޫރިއްޔާގެ ޤަރާރަށް ގެނައި އިސްލާހެއްގެ ދަށުންނެވެ. މިދިޔަ މަހުގެ 21 ވަނަ ދުވަހު ގެޒެޓްކުރި ޤަރާރުގައި ބަޔާންކޮށްފައިވަނީ ރާއްޖޭގެ މިނިވަންކަމާއި ސިޔާދަތާއި އިސްތިގުލާލު ހިމާޔަތްކޮށް ރައްކާތެރިކުރުމަށާއި، ޤައުމުގެ ސުލްހަމަސަލަސްކަން ދެމެހެއްޓުމަށްޓަކައި މަޝްރޫޢުތަކެއް ކުރިއަށް ގެންދިއުމަށް ރޭވިފައިވާ ކަމަށެވެ.
ކްރޮސް ސަބްސިޑީ އުސޫލުން މި މަޝްރޫޢުތަކަށް އިންވެސްޓްކުރަން ބޭނުންވާ ފަރާތްތަކަށް އެ ފުރުސަތު ހުޅުވާލާފައިވާއިރު، ޤައުމީ ސަލާމަތާ ގުޅޭ މަޝްރޫޢުތަކަށް އިންވެސްޓްކުރަންޖެހޭ އަދަދު މިހާރު ވަނީ ބޮޑުކޮށްފައެވެ. މި ބަދަލާއެކު އެފަދަ މަޝްރޫޢުތަކަށް މަދުވެގެން 100 މިލިއަން ޑޮލަރު އިންވެސްޓްކުރަން ޖެހޭނެއެވެ.
ރާއްޖޭގެ އަސްކަރީ ޤާބިލްކަން ވަރުގަދަކޮށް، އިޤްތިޞާދީ ސަރަހައްދު ހިމާޔަތްކޮށް ބެލެހެއްޓުމަށް ސަރުކާރުން ގިނަ މަސައްކަތްތަކެއް ކުރަމުންދާއިރު، މި މަޝްރޫޢުތަކުގެ ތަފްސީލް އަދި ހާމަކޮށްފައެއް ނުވެއެވެ. ނަމަވެސް މިހާތަނަށް މި ދާއިރާއިން ސަރުކާރުން ވަނީ ގިނަ ކާމިޔާބީތަކެއް ހާސިލުކޮށްފައެވެ.

