މި 1446 ވަނަ އަހަރުގެ ފިތުރު ޒަކާތުގެ ގޮތުގައި ލިބުނު ފައިސާގެ ތެރެއިން ފަލަސްތީނުގެ ޣައްޒާގެ ކުޑަކުދިންނަށް ހަދިޔާ ކުރުމަށް ނިންމައިފައިވާ 500،000 ރުފިޔާ އިސްރާ އެސޯސިއޭޝަނާ ހަވާލުކޮށްފިއެވެ. މި ފައިސާ އިސްރާ އެސޯސިއޭޝަނާ ހަވާލުކުރެއްވީ އިސްލާމިކް މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރު އަލީ އަހުސަނެވެ.
މި އަހަރު ފިތުރު ޒަކާތުގެ ގޮތުގައި ލިބިފައިވަނީ 13.3 މިލިއަން ރުފިޔާއެވެ. މިއީ މިހާތަނަށް ޒަކާތުގެ ގޮތުގައި އެންމެ ގިނަ ފައިސާ ލިބުނު އަހަރު ކަމަށް ވެފައިވާއިރު، އޭގެ ތެރެއިން ޣައްޒާގެ ކުޑަކުދިންގެ ކާބޯތަކެއްޗަށް ފަސް ލައްކަ ރުފިޔާ ހަދިޔާ ކުރުމަށް ވަނީ ނިންމާފައެވެ.
ފަލަސްތީނުގެ ރައްޔިތުންނަށް އެހީތެރިވުމުގެ ގޮތުން ރާއްޖެއިން ހަދިޔާކުރި ދެ މިލިއަން މަސްދަޅުގެ ތެރެއިން 374،400 (ތިންލައްކަ ހަތްދިހަ ހަތަރު ހާސް ހަތަރު ސަތޭކަ) މަސްދަޅު މިސްރުގެ ރެޑް ކްރެސެންޓު މެދުވެރިކޮށް 13 ފެބްރުއަރީ 2025 ގައި ޣައްޒާއަށް ވަނީ ފޯރުކޮށްދީފައެވެ. މިކަން ފޮރިން މިނިސްޓަރު ޑރ. ޢަބްދުﷲ ޚަލީލް ވަނީ ދާދިފަހުން ހާމަކުރައްވާފައެވެ.
މީގެއިތުރުން، ސަރުކާރުން ވަނީ “ފަލަސްތީނާއެކު ދިވެހީން” ގެ ނަމުގައި ޓެލެތޯނެއް ވެސް ބާއްވާފައެވެ. މި ޓެލެތޯނުން ލިބުނު 19 މިލިއަން ރުފިޔާ މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) މެދުވެރިކޮށް، ސީދާ ޔުނައިޓެޑް ނޭޝަންސް ރިލީފް އެންޑް ވޯކްސް އެޖެންސީ ފޯ ޕަލަސްޓައިން ރެފިއުޖީސް (އަންރުއާ)ގެ އެކައުންޓަށް މިދިޔަ އަހަރުގެ އޮގަސްޓް މަހުގެ ތެރޭގައި ވަނީ ޖަމާކޮށްދީފައެވެ.

