އޯޓިޒަމް ހުންނަ ކުދިންނަށް އަޅާލުމާއި ލޯބި ދިނުމަކީ ޤައުމީ ވާޖިބެއް ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.
ބައިނަލްއަޤްވާމީ އޯޓިޒަމް ދުވަހާ ގުޅިގެން ސޯޝަލް މީޑިއާގައި ހިއްސާކުރެއްވި ޕޯސްޓެއްގައި ރައީސް ޑރ މުޢިއްޒު ވިދާޅުވެފައި ވަނީ “ކޮންމެ ދިވެހި ދަރިއަކީ ޤައުމަށް މުހިންމު، އަދި އަގުހުރި ދަރިއެއް” ކަމަށެވެ. އަދި އޯޓިޒަމް ތަހައްމަލުކުރާ ކޮންމެ ކުއްޖަކީވެސް ޤައުމަށް މަންފާކޮށްދޭނެ އެތައް ހުނަރެއް ހުރި މޮޅު ކުދިންތަކެއް ކަމަށްވެސް އެމަނިކުފާނު ފާހަގަކުރެއްވިއެވެ.
ބައިނަލްއަޤްވާމީ ފެންވަރުގައި އޯޓިޒަމް ދުވަސް ފާހަގަކުރަން ފެށީ 2007 ވަނަ އަހަރުގެ އޭޕްރިލް 2 ވަނަ ދުވަހެވެ. މި ދުވަސް ފާހަގަކުރުމުގެ މައިގަނޑު މަޤްޞަދަކީ އޯޓިޒަމް ހުންނަ ފަރާތްތަކުގެ ޙައްޤުތަކާއި އޯޓިޒަމާ ގުޅޭގޮތުން ހޭލުންތެރިކަން އިތުރުކުރުމެވެ.
މިއަހަރުގެ އޯޓިޒަމް ދުވަހުގެ ޝިޢާރަކީ “އެޑްވާންސިންގ ނިއުރޯޑައިވަރސިޓީ އެންޑް ދަ ޔޫއެން ސަސްޓެއިނަބަލް ޑިވެލޮޕްމަންޓް ގޯލްސް” އެވެ. މި ޝިޢާރުގެ މައިގަނޑު އަމާޒަކީ ސިޔާސަތުތައް ކަނޑައެޅުމުގައި އޯޓިޒަމް ހުންނަ ފަރާތްތަކުގެ ބައިވެރިވުން އިތުރުކޮށް، ތަރައްޤީގެ މަސައްކަތްތައް ރޭވުމުގައި އެފަރާތްތަކުގެ ދައުރު ފުޅާކުރުމެވެ.
އޯޓިޒަމް އެސޯސިއޭޝަން އޮފް މޯލްޑިވްސްގެ ތަފާސްހިސާބުތަކުން ދައްކާގޮތުގައި މިވަގުތު އެ ޖަމްޢިއްޔާއިން 168 ކުދިންނަށް ޚިދުމަތް ފޯރުކޮށްދެމުން ގެންދެއެވެ.

