އޯޓިޒަމަށް ހޭލުންތެރިކުރުމުގެ މިދުވަހު އަޒުމެއް ކަނޑައަޅަމާ، އެކުދިންނަށް ސަމާލުކަން ދިނުމާއެކު ލޯތްބާއި އަޅާލުންދޭށެވެ!
އޯޓިޒަމްއަކީ ކޮބާ؟
އޯޓިޒަމްއަކީ ސިކުނޑި ހެދިބޮޑުވުމުގައި ދިމާވާ މައްސަލައެކެވެ. މިއީ ކުޑަކުދިންގެ އުމުރުން ފުރަތަމަ 2-3 އަހަރުގެ ތެރޭގައި ފާހަގަކުރެވޭ ކަމެއް ކަމަށްވެފައި، އޭގެ އަސަރު އެކި ކުދިންނަށް ކުރަނީ އެކި މިންވަރަށެވެ. އޯޓިޒަމްގެ ސަބަބުން ކުއްޖާގެ ވާހަކަދެއްކުމާއި، މުވާޞަލާތްކުރުން، މުޢާމަލާތްކުރުން އަދި އިޖްތިމާޢީ ގުޅުން އުފެއްދުމުގެ ހުނަރު ދަށްވެއެވެ.
އޯޓިޒަމްގެ މައިގަނޑު އަލާމާތްތައް:
- މުވާސަލާތީ ދަތިތައް: ނަމުން ގޮވާލުމުން ނުބެލުން، ވާހަކަދެއްކުމުގެ ހުނަރު ދަށްވުން، އެއް ބަހެއް ތަކުރާރުކުރުން.
- އިޖުތިމާޢީ ގުޅުމުގެ ދަތިތައް: އެކަނި އިނުމަށް ލޯބިކުރުން، އެހެން މީހުންގެ އިހުސާސްތައް ދެނެނުގަތުން.
- ތަކުރާރުވާ އާދަތައް: އެއްކަމެއް ތަކުރާރުކޮށް އެއްގޮތަކަށް ކުރުން، ބަދަލުތަކަށް ހޭނުން އުނދަގޫވުން.
- އިހުސާސްތަކުގެ ތަފާތުތައް: އަޑު، ވަސް އަދި ފެނުމުގެ އިހުސާސްތަކަށް އާދަޔާ ޚިލާފު ރައްދު ދިނުން.
އޯޓިޒަމް ހުންނަ ކުދިންގެ ޤާބިލްކަން:
އޯޓިޒަމްއަކީ ސިކުނޑި ހެދިބޮޑުވުމުގައި ދިމާވާ މައްސަލައެއް ކަމަށްވީ ނަމަވެސް، އޮޓިސްޓިކް ކުދިންނަކީވެސް ތަފާތު ޤާބިލްކަމާއި ކުޅަދާނަކަން ލިބިގެންވާ ކުދިންނެވެ. ބައެއް ކުދިންނަށް ހަދާނުގައި އެއްޗެތި އަވަހަށް ހަރުލުމާއި، ހިސާބު އިލްމުގެ ހުނަރާއި، މިއުޒިކާއި އަދި ކަންކަމުގައި މަޝްއޫލުވުމާއި، ވަކި ކަމަކަށް އާދަޔާ ޚިލާފަށް ސަމާލުކަން ދިނުމުގެ ހުނަރު ލިބިގެންވެއެވެ.
އޯޓިޒަމްއަށް ހޭލުންތެރިވުމުގެ މުހިންމުކަން:
ކޮންމެ އަހަރެއްގެ އޭޕްރީލް 2 އަކީ ބައިނަލްއަޤްވާމީ އޯޓިޒަމް ދުވަހެވެ. މި ދުވަހުގެ މަޤްޞަދަކީ އޯޓިޒަމްއާ ބެހޭ ހޭލުންތެރިކަން އިތުރުކުރުމެވެ. އޯޓިޒަމްގެ އަލާމާތްތައް އަވަހަށް ދެނެގަނެ، އެކުދިންނަށް އެހީތެރިވެދީ، އެހެން ކުދިންނެކޭ އެއްފަދައިން އުޅެވޭނެ ބަޔަކަށް ހެދުމަށް މަސައްކަތްކުރުން މުހިންމެވެ.

އޯޓިޒަމް ހުންނަ ކުދިންނަށް އެހީތެރިވުން: އޯޓިޒަމްގެ ހަޤީޤީ ސަބަބު އަދި ފަރުވާއެއް ނޭނގޭ ނަމަވެސް، މި ކުދިންނަށް އެހެން މީހުންގެ އަޅާލުމާއި އޯގާތެރިކަން ވަރަށް މުހިންމެވެ.
ކުއްޖާގެ އުމުރުން ހަނގުއިރު މިކަން ދެނެގަނެވި، އެކަމަށް ޚާއްޞަ ކުރެވިފައިވާ ތާވަލެއްގެ ދަށުން ތަޖުރިބާކާރުންގެ އެހީތެރިކަން ލިބޭ ކުދިންގެ އަލާމާތްތައް ކޮންމެވެސް ވަރަކަށް ލުއިކުރެވެއެވެ. މިފަދަ ކުދިންނަށް ލިބިދެވޭ ފަރުވާ އަކީ ދިރިއުޅުމުގެ އެކިއެކި ކަންތައްތަކަށް ކުއްޖާ ހޭނުވައިގެން، ދުނިޔޭގެ ކަންތައްތަކާއެކު އުޅެން ދަސްކޮށް ދިނުމެވެ.
އަޅުގަނޑުމެންގެ ޒިންމާ؛ އޯޓިޒަމް ހުންނަ ކުދިންނަށް އެހީތެރިވުމަކީ މުޅި މުޖުތަމަޢުގެ ޒިންމާއެކެވެ. އަޅުގަނޑުމެން އެންމެން:
- އޯޓިޒަމްއާ ބެހޭ ގޮތުން އިތުރަށް ދަސްކޮށް، ހޭލުންތެރިވާންވާނެއެވެ.
- އޯޓިޒަމް ހުންނަ ކުދިންނާ މެދު ތަފާތުކުރުން ނައްތާލައި، އެކުދިންނަށް ހަމަހަމަ ފުރުޞަތުތައް ދޭންވާނެއެވެ.
- އޯޓިޒަމް ހުންނަ ކުދިންގެ ޢާއިލާތަކަށް އެހީތެރިވެ، އެއްބާރުލުން ދޭންވާނެއެވެ.
- އޯޓިޒަމް ހުންނަ ކުދިންނަށް ޚާއްޞަ ތަޢުލީމީ އަދި އިޖުތިމާޢީ ޕްރޮގްރާމްތައް ތަޢާރަފުކޮށް، ތަރައްޤީކުރަން މަސައްކަތްކުރަންވާނެއެވެ.
އޯޓިޒަމް ހޭލުންތެރިކަމުގެ މި ދުވަހު، އަޅުގަނޑުމެން އެންމެން އަޒުމެއް ކަނޑައަޅަމާ ހިންގަވާށެވެ. އެއީ އޯޓިޒަމް ހުންނަ ކުދިންނަށް އިތުރު ސަމާލުކަމެއް ދީ، އެކުދިންނަށް ލޯބިވެ، އަޅާލުން ދިނުމެވެ. އަޅުގަނޑުމެންގެ މުޖުތަމަޢުގައި އެކުދިންނަށް ޖާގަ ދީ، އެކުދިންގެ ޤާބިލްކަން ދެނެގަނެ، އެކުދިންނަށް ކުރިއެރުމުގެ ފުރުޞަތު ހޯދައިދިނުމެވެ. އެކުދިންނަކީވެސް މުޖުތަމަުޖުތަމަޢުގެ މުހިންމު ބައެއްކަން ޤަބޫލުކޮށް، އެކުދިންނަށް ބޭނުންވާ އެހީތެރިކަމާއި ވަސީލަތްތައް ފޯރުކޮށްދިނުމެވެ.
އޯޓިޒަމް ހުންނަ ކުދިންނަކީ ތަފާތު ޚާއްޞަ ހުނަރުތަކާއި ޤާބިލްކަން ލިބިފައިވާ ކުދިންނެވެ. އެކުދިންނަށް އަޅުގަނޑުމެންގެ އެހީތެރިކަމާއި އެއްބާރުލުން ލިބިއްޖެނަމަ، އެކުދިންނަށްވެސް މުޖުތަމަޢަށް ފައިދާހުރި، އުފެއްދުންތެރި ބައެއްގެ ގޮތުގައި ދިރިއުޅެވޭނެއެވެ. އެހެންކަމުން، އަޅުގަނޑުމެން އެންމެން ގުޅިގެން މަސައްކަތްކޮށް، އޯޓިޒަމް ހުންނަ ކުދިންނަށް އުޖާލާ މުސްތަޤުބަލެއް ބިނާކޮށްދިނުމަށް މަސައްކަތްކުރަމާ ހިންގަވާށެވެ.

