ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ސަރުކާރާ ގުޅުންހުރި މަޢުލޫމާތުތައް ރައްޔިތުންނާ ހިއްސާކުރެއްވުމަށް ކުރިއަށްގެންދަވާ “ރައްޔިތުންނާ އެކު” ޕޮޑްކާސްޓުގެ ދެވަނަ އެޕިސޯޑް މިއަދު މެންދުރު 1:00 ގައި ބްރޯޑްކާސްޓް ކުރާނެ ކަމަށް ރައީސް އޮފީހުން ހާމަކޮށްފިއެވެ.
ރައީސް އޮފީހުން ބުނީ މި ޕޮޑްކާސްޓަކީ ރައްޔިތުންނާ ވީހާވެސް ގާތުން މަޢުލޫމާތު ހިއްސާކޮށް، އަދި ރައްޔިތުންގެ ޚިޔާލުތަކާއި ސުވާލުތަކަށް ސީދާ ރައީސުލްޖުމްހޫރިއްޔާ ޖަވާބު ދެއްވުމަށް ތަޢާރަފުކުރެވިފައިވާ ޚާއްޞަ ޕްރޮގްރާމެއް ކަމަށެވެ.
މި ސިލްސިލާގެ ފުރަތަމަ އެޕިސޯޑް ގެނެސްދެވުނީ މިދިޔަ ހަފުތާގެ ބުރާސްފަތި ދުވަހުއެވެ. އެ އެޕިސޯޑުގައި ރައީސް ޑރ މުޢިއްޒު ވަނީ “ޤައުމުގައި މިވަގުތު ހުރި މުހިންމު ކަންކަމާ ގުޅޭގޮތުން މަޢުލޫމާތު ދެއްވައި، ރައްޔިތުންގެ ސުވާލުތަކަށް ޖަވާބު ދެއްވާފައި” ކަމަށް ރައީސް އޮފީހުން ފާހަގަކުރެއްވިއެވެ.
މި ޕޮޑްކާސްޓް ހޯސްޓްކުރައްވަނީ ޓީވީ ދާއިރާގައި ގިނަ ބައެއްގެ މަޤްބޫލުކަން ހޯއްދަވާފައިވާ އަޙްމަދު ޝަކީބު (ޝަކީބުބެ) އެވެ. މިއަދުގެ އެޕިސޯޑް ޓީވީއެމް އަދި ޕީއެސްއެމް ނިއުސް އިން ލައިވްކޮށް ގެނެސްދޭނެ ކަމަށް ވެސް ރައީސް އޮފީހުން ވަނީ ހާމަކުރައްވާފައެވެ

