ދުންފަތުގެ އިސްތިއުމާލު ކުރުމުން ޒުވާން ޖީލު ދުރުކުރުމަށްޓަކައި “ޖެނެރޭޝަން ބޭން” އެއް ތަޢާރަފުކުރުމަށް 3 ގޮތެއް ހުށަހަޅުއްްވާކަމަށާއި މި ކަމާމެދު ގޮތެއް ނިންމަވާނީ ސިއްހީ ދާއިރާގެ މާހިރުންނާއި ރައްޔިތުންގެ މަޝްވަރާގެ މަތިންކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.
ރައީސް އޮފީހުން ކުރިއަށްގެންދާ “ރައްޔިތުންނާ އެކު” ޕޮޑްކާސްޓުގެ ދެވަނަ އެޕިސޯޑުގައި ވާހަކަފުޅު ދައްކަވަމުން، ރައީސް ހުށަހެޅުއްވި ތިން އޮޕްޝަނަކީ:
2007 ވަނަ އަހަރުގެ ޖެނުއަރީ 1 އިން ފެށިގެން އުފަންވާ ހުރިހާ ކުދިންނަށް ދުންފަތުގެ އިސްތިއުމާލު މަނާކުރުން
2004 ވަނަ އަހަރުން ފެށިގެން އުފަންވާ ހުރިހާ ކުދިންނަށް ދުންފަތުގެ އިސްތިއުމާލު މަނާކުރުން
2000 ވަނަ އަހަރުގެ ޖެނުއަރީ މަހުން ފެށިގެން އުފަންވާ ހުރިހާ ކުދިންނަށް ދުންފަތުގެ އިސްތިއުމާލު މަނާކުރުން
“މިއީ އެތައް ޖީލެއްގެ ސަލާމަތާއި ރައްކާތެރިކަމަށްޓަކައި އަޅުގަނޑުމެން އަޅަން ޖެހޭ ފިޔަވަޅުތަކެއް،” ރައީސް މުއިއްޒު ވިދާޅުވިއެވެ. މި ގަވާއިދު ތަންފީޒުކުރެވޭ ހިސާބުން، ކަނޑައެޅޭ އުމުރުފުރާގެ ޒުވާނުންނަށް އެ އުމުރުން މަތިވިޔަސް ދުންފަތުގެ އިސްތިއުމާލު ކުރުން މަނާވެގެންދާނެއެވެ.
ރައީސް ފާހަގަކުރެއްވި ގޮތުގައި މިހާރުވެސް ވޭޕް މަނާކުރެވިފައިވާއިރު، ދުންފަތުގެ އިސްތިއުމާލު ކުރުން މަދުކުރުމަށް އަގުބޮޑުކުރުން ފަދަ ފިޔަވަޅުތައް އަޅަމުންދެއެވެ. މި އައު ހުށަހެޅުމަށް ގިނަ ބައެއްގެ ތާއީދު ލިބިފައިވާކަން ފާހަގަކުރައްވައި، މި މުހިންމު މަސައްކަތުގައި އެންމެންގެ އެއްބާރުލުން ބޭނުންވާކަން ރައީސް ފާހަގަކުރެއްވިއެވެ.

