މަޝްހޫރު އިނގިރޭސި ފުޓްބޯޅަ ކްލަބް ލިވަޕޫލްގެ ފުޓްބޯޅަ އެކަޑަމީއެއް ރާއްޖޭގައި ގާއިމުކުރުމަށް މަޝްވަރާކުރައްވާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.
މިކަން ރައީސް ހާމަކުރެއްވީ ރައީސް އޮފީހުގެ ޕޮޑްކާސްޓް “ރައްޔިތުންނާއެކު” ގެ ދެވަނަ އެޕިސޯޑްގައި އިނގިރޭސިވިލާތަށް ކުރައްވާ ދަތުރުފުޅާ ގުޅޭގޮތުން ވާހަކަފުޅު ދައްކަވަމުންނެވެ.
ރައީސް މުއިއްޒު ވިދާޅުވި ގޮތުގައި، އެމްއެމްޕީއާރްސީގެ ދަށުން ހިންގާ ވިޒިޓް މޯލްޑިވްސްއިން ވަނީ ލިވަޕޫލް ފުޓްބޯލް ކްލަބާއެކު އެއްބަސްވުމެއްގައި ސޮއިކޮށްފައެވެ. މި އެއްބަސްވުމުގެ ދަށުން ދިވެހިރާއްޖެ ވަނީ ލިވަޕޫލްގެ ޓޫރިޒަމް ޕާޓްނަރެއްގެ ގޮތުގައި ކަނޑައަޅާފައެވެ. “އިނގިރޭސިވިލާތަކީ ރާއްޖެއަށް ވަރަށް ގިނަ ޓޫރިސްޓުން އަންނަ ގައުމަކަށްވީމައާ އެކީގައި، އަދި މުޅި ޔޫރަޕަށްވެސް، އަދި ދުނިޔެއަށްވެސް މީގެ އެކްސްޕޯޝާ ލިބޭނެ” ކަމަށް ރައީސް ވިދާޅުވިއެވެ.
މި ޕާޓްނަރޝިޕްގެ ދަށުން، ލިވަޕޫލް އެވާޓަން މެޗުގައި ދަނޑުގެ ލެޑް ޕެނަލްތަކުން ރާއްޖޭގެ އިޝްތިހާރުތައް ފުރަތަމަ ފަހަރަށް ދައްކަން ފަށާނެއެވެ. މީގެ އިތުރުން ކްލަބުގެ ސޯޝަލް މީޑިއާ ޕްލެޓްފޯމްތަކާއި މާޗެންޑައިޒްގައިވެސް ރާއްޖެ ޕްރޮމޯޓްކުރެވޭނެއެވެ.
ލިވަޕޫލްގެ ފުޓްބޯޅަ އެކަޑަމީއެއް ރާއްޖޭގައި ގާއިމުކުރެވިއްޖެނަމަ، އެއީ ރާއްޖޭގެ ފުޓްބޯޅައަށް ލިބިގެންދާނެ ވަރަށް ބޮޑު ކުރިއެރުމެއް ކަމަށް ރައީސް ފާހަގަކުރެއްވިއެވެ. ޚާއްޞަކޮށް ކުޑަކުދިންނާއި ޒުވާނުންނަށް މިއީ ވަރަށް މުހިންމު ފުރުސަތަކަށް ވެގެންދާނެ ކަމަށް ވިދާޅުވިއެވެ.
މި ދަތުރުފުޅުގައި ރައީސް މުއިއްޒު ބްރެޑްފޯޑަށްވެސް ވަޑައިގަންނަވާނެ ކަމަށާއި، އެ ޔުނިވަރސިޓީގައިވެސް ފުޓްބޯޅައާ ގުޅޭ މުހިންމު މަޝްރޫއެއް ކުރިއަށްދާ ކަމަށް ވިދާޅުވެފައިވެއެވެ.

