ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުއިއްޒު މިއަދު އިނގިރޭސިވިލާތުގެ ލިވަޕޫލް ސިޓީގައި ހުންނަ އަކްސާ ޓްރެއިނިންގ ސެންޓަރަށް ޒިޔާރަތްކުރައްވައިފިއެވެ.
މި ޒިޔާރަތަކީ އިނގިރޭސި ޕްރިމިއާ ލީގުގެ 1 ވަނާގައި އޮތް ލިވަޕޫލް އާއި މޯލްޑިވްސް މާކެޓިންގ އެންޑް ޕަބްލިކް ރިލޭޝަން ކޯޕަރޭޝަން (އެމްއެމްޕީއާރުސީ) އާ ދެމެދު ރާއްޖޭގެ ޓޫރިޒަމް އިޝްތިހާރުކުރުމަށް ހަދާފައިވާ ޕާޓްނާރޝިޕް އިފްތިތާހުކުރުމަށް ކުރައްވާ ދަތުރުފުޅުގެ ތެރެއިން ކުރެއްވި ޒިޔާރަތެކެވެ.
މި ޒިޔާރަތުގައި ރައީސް މުއިއްޒު ވަނީ އެންމެ ފަހުގެ ވަސީލަތްތަކާއެކު އެންމެ ޒަމާނީ ފެންވަރަށް ތަރައްޤީ ކޮށްފައިވާ ލިވަޕޫލްގެ އަކްސާ ޓްރެއިނިންގ ސެންޓަރުގެ ފުޓުބޯޅައިގެ ކޯޗިންގްގެ އަދި ތަމްރީނުތައް ބައްލަވާލައްވާފައެވެ. އަދި ދިވެހިރާއްޖޭގެ ފުޓުބޯޅައިގެ ތަރައްޤީއަށް ކުރެވިދާނެ ކަންކަމާއި ކުރިއަރަމުންދާ އުންމީދީ ކުޅުންތެރީންނަށް ފުރުޞަތުތައް ފަހިކޮށްދެވޭނެ ގޮތްތައް އޮޅުންފިލުއްވާފައިވެއެވެ.
އެމްއެމްޕީއާރުސީއާއި ލިވަޕޫލާ ދެމެދު ހަދާފައިވާ ޕާޓްނާރޝިޕް އެއްބަސްވުމުގެ ދަށުން ރާއްޖޭގެ ފުޓްބޯޅަ ތަރައްޤީކުރުމަށް އެކަޑަމީއެއް ގާއިމްކޮށް ސްޕޯޓްސް ޓޫރިޒަމް ތަރައްޤީކުރުމަށް ކަނޑައަޅާފައިވާކަން ފާހަގަކުރެވެއެވެ. މި އެއްބަސްވުމަކީ ރާއްޖޭގެ ފުޓްބޯޅައިގެ މުސްތަޤުބަލަށް އައު އުއްމީދުތަކެއް ގެނެސްދޭނެ އެއްބަސްވުމެއްކަމަށް ބެލެވެއެވެ.
ރައީސް މުއިއްޒުގެ މި ދަތުރުފުޅަކީ ރާއްޖޭގެ ޓޫރިޒަމް އިޝްތިހާރުކުރުމުގެ އިތުރުން، ކުޅިވަރުގެ ދާއިރާއިން ރާއްޖެއަށް ލިބޭނެ ފައިދާތައް އިތުރުކުރުމަށް ކުރައްވާ މަސައްކަތްތަކުގެ ތެރެއިން ކުރެއްވި ދަތުރުފުޅެއްކަން ފާހަގަކުރެވެއެވެ. މި ދަތުރުފުޅުގެ ސަބަބުން ރާއްޖޭގެ ފުޓްބޯޅައިގެ ކުރިމަގަށް އިތުރު ކުރިއެރުންތަކެއް ލިބިގެންދާނެކަމަށް އުއްމީދުކުރެވެއެވެ.

