ތ. ހިރިލަންދޫން މާލެއަށް ދަތުރު ކުރަމުން ދިޔަ ލ. މާވަށު މުދާ އުފުލާ “ހޮޅުދޫ ބޯޓު” ގައި މިއަދު ހިނގި އަލިފާނުގެ ހާދިސާގައި ދަތުރުކުރަމުންދިޔަ 18 މީހުންގެ ތެރެއިން 17 މީހުން ސަލާމަތްކޮށްފައިވާ އިރު އޭގެއިން ދަތުރުކުރި ޒުވާނަކު ގެއްލިގެން ހޯދަން ފަށައިފިއެވެ.
އެމްއެންޑީއެފުން ބުނާ ގޮތުގައި ނުފެނި ގެއްލިފައިވަނީ ލ. މާވަށަށް ނިސްބަތްވާ 25 އަހަރުގެ ޢަލީ މުޝްފިގް މުހައްމަދު އެވެ. މި ހާދިސާ ހިނގުމާ ގުޅިގެން އެމްއެންޑީއެފާއި ފުލުހުން ވަނީ ސަރަހައްދުގައި ހޯދުމުގެ މަސައްކަތް ފަށާފައެވެ.
ލ. މާވަށު ކައުންސިލްގެ ރައީސް އަޙްމަދު މޫސާ ހުވަދޫމީޑިއާއަށް ދެއްވި މަޢުލޫމާތުގައި ވިދާޅުވި ގޮތުން، މި ބޯޓަކީ މާވަށަށްވެސް ދަތުރުކުރާ އުޅަނދެކެވެ. އަދި މި ބޯޓުން މާވަށް އަދި ހިރިލަންދޫ މީހުންވެސް ދަތުރުކުރާކަމަށް އަހުމަދު ވިދާޅުވިއެވެ. އަހުމަދު ވިދާޅުވީ ބޯޓުން ދަތުރުކުރީ މާވަށު 12 މީހުންކަމަށާއި އޭގެތެރެއިން ޒުވާނަކު ގެއްލިފައިވާ ކަމަށެވެ. (18 މީހުން ކަމަށް ބުނެފައި އެވަނީ މާވަށު 12 މީހުންނާއި އެހެން ރަށްރަށުގެ މީހުންނާ އެކުގައި ޖުމުލަ އަދަދެވެ،)
“ރަށުން ދަތުރުކުރި 12 މީހުން އޭގެ ތެރެއިން އެކަކު ގެއްލިފައިވަނީ، އަޅުގަނޑު ކައްޕިއަށް ދެންމެ ގުޅާލިން. ބުނީ ކޭޝިއަރަކަށް އުޅުނު ކުއްޖާ އަށް މަރުކަޒުގައި ފަރުވާދެމުންދާ ވާހަކަ، އެކަމަކު އަލިފާނުން ގެއްލުމެއް ވެގެނެއް ނޫން، އެއީ ހިތްބަލި ސޮރަކަށް ވުމުންމަންޒަރު ފެނި ހިތަށް އަސަރު ކޮށްގެން ކަމަށްވަނީ، ކައުންސިލުން މިދަނީ ވަރަށް ގާތުން ބަލަމުން، ގެއްލުނު މުޝްފިގުގެ ބައްޕަވެސް މިހާރުވީ ރަށުން ފުރި ދެވަނަ ލޯންޗުގައި މާލެ ގޮސްފައި،” ކައުންސިލު ރައީސް އަހުމަދު މޫސާ ވިދާޅުވިއެވެ.
އަހުމަދު މޫސާ ވިދާޅުވު ގޮތުގައި އެ ބޯޓުގައި އެކަށީގެންވާ ވަރަށް މުދާ ހުރި ނަމަވެސް އެއީ އަގުބޮޑު މާ ވަރުގަދަ މުދާތަކަކަށް ނުވާނެ ކަމަށާއި ސަބަބަކީ އޭގައި ހުންނާނީ ރަށްރަށުން ގެންދާ ސާމާނު ކަމަށްވީމަ ހުންނާނީ ރިހާކުރާއި ކާށްޓާއި މަސްކަހަލަ ސާމާނު ކަމަށެވެ. ބޯޓު މާވަށުން ފުރައިގެން ހިރިލަންދޫއަށް ގޮސް އެރަށުން ފުރައިގެން ދިޔަތާ މާގިނަ އިރެއް ނުވެ 8:20ހާއިރު ބޯޓުގައި ރޯވެފަައިވާ ކަމަށެވެ. އެވަގުތު ތ އަތޮޅު މެންބަރު މަސްދަތުރެއްގައި ގޮސް ހުންނެވި ކަމަށާއި އެތަނަށް އެންމެ ފުރަތަަމަ ކައިރި ކުރީ އެ މެންބަރު ކަމަށްވެސް އަހުމަދު މޫސާ ވިދާޅުވިއެވެ.
“ތ.އަތޮޅު ކަފިދޫ ކިޔާ ފަޅު ރަށެއް އޮންނާނެ، އެހިސާބުން ރޯވި ކަމަށް މައުލޫމާތު ލިބެނީ. މިހާރު ބޯޓު އެއްކޮށް ރޯވެއްޖެ، އެއްކޮށް ބޯޓު އަނދައިފި. ތިންބަޔަަކަށް މީހުން އުޅެވޭ ގޮތަށް ހުންނަ ބޮޑު ބޯޓެއް ހަމަ. މައުލޫމާތު ލިބެނީ ލައިފްޖެކެޓުތައް ހުންނަ ބައިގައި ރޯވީ އެހެންވީމާ އެ ސަރަހައްދުން ލައިފްޖެކެޓު ނުލިބިއްޖިއްޔާ ދެން މޫދަށް ފައިބާ އެންމެން ވަރަށް ހާލުގައިތާ ޖެހޭނީ. ގެއްލުނު ކުއްޖާއަކީ މޫދަށް އެހާ ފަރިތަ ކުއްޖެއް ނޫން.” އަހުމަދު މުސާ ވިދާޅުވިއެވެ.
މި ހާދިސާގައި ބޯޓު ވަނީ އެއްކޮށް އަނދާ ހުލިވެފައެވެ. ނަމަވެސް ބޯޓުގައި އަލިފާން ރޯވި ސަބަބު އަދި ވަނީ ސާފުނުވެއެވެ. މި މައްސަލައިގެ ތަހުގީގު ކަމާބެހޭ ފަރާތްތަކުން ކުރިއަށް ގެންދާނެ ކަމަށް ބެލެވެއެވެ.
މި ހާދިސާއާ ގުޅިގެން ސަލާމަތްކުރެވުނު ފަޅުވެރިންގެ ޙާލަތު ރަނގަޅު ކަމަށް އެމްއެންޑީއެފުން މަޢުލޫމާތު ދީފައިވެއެވެ. އަދި ގެއްލިފައިވާ ފަޅުވެރިޔާ ހޯދުމުގެ މަސައްކަތް މެދުނުކެނޑި ކުރިއަށްދާ ކަމަށްވެސް އެފަރާތުން ބުނެފައިވެއެވެ.
(އިތުރު މައުލޫމާތު ލިބެމުންދާ ވަރަކަށް ހިއްސާ ކުރަމުންދާނެ ވާހަކަ ދަންނަވަމެވެ.)

