އިނގިރޭސިވިލާތުގެ ލިވަޕޫލްގައި ކިޔަވަމުންދާ ދިވެހި ދަރިވަރުންނާއެކު ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ބައްދަލުކުރައްވައިފިއެވެ. މެންދުރުގެ ފަރިއްކޮޅަކާއެކު ބޭއްވުނު މި ބައްދަލުކުރެއްވުމުގައި ދަރިވަރުންގެ ހާލުކޮޅު ބައްލަވައި، އެ ދަރިވަރުންގެ ތައުލީމީ ތަޖުރިބާތަކާއި ބޭނުންތަކާއި ކަންބޮޑުވުންތައް ރައީސް ޑރ މުއިއްޒު އޮޅުންފިލުއްވިއެވެ.
މި ބައްދަލުކުރެއްވުމުގައި ވާހަކަފުޅު ދައްކަވަމުން ރައީސް ޑރ މުއިއްޒު ވިދާޅުވީ، އެ ދަރިވަރުންގެ އުންމީދުތަކާއި ކާމިޔާބީތަކާމެދު ފަޚުރުވެރިވެވަޑައިގަންނަވާ ކަމަށެވެ. އަދި ދަރިވަރުންނަށް ދިމާވާ މައްސަލަތައް ހައްލުކޮށްދެއްވުމަށް ސަރުކާރުން މަސައްކަތްކުރައްވާނެ ކަމުގެ ޔަގީންކަންވެސް ދަރިވަރުންނަށް ދެއްވިއެވެ.
ރައީސް ޑރ މުއިއްޒުގެ ވާހަކަފުޅުގައި، ތައުލީމީ ދާއިރާއަށް ހުރި ގޮންޖެހުންތައް ހައްލުކުރެއްވުމަށް ސަރުކާރުން ކުރައްވަމުން ގެންދަވާ މަސައްކަތްޕުޅުތަކުގެ މައްޗަށް އަލިއަޅުއްވާލެއްވިއެވެ. ރާއްޖެއިން ބޭރަށް ކުރައްވާ ދަތުރުފުޅުތަކުގައި އެ ގައުމުތަކުގައި ދިރިއުޅޭ ދިވެހި ދަރިވަރުންނާއި ދިވެހިންނާ ބައްދަލުކުރެއްވުމަށް ރައީސް ޑރ މުއިއްޒު އިސްކަންދެއްވާކަން ފާހަގަކުރެވެއެވެ.
ރައީސް ޑރ މުއިއްޒު މިހާރު ކުރައްވަމުންގެންދަވާ އިނގިރޭސިވިލާތުގެ ދަތުރުފުޅަކީ، ލިވަޕޫލް ފުޓްބޯލް ކްލަބް (އެލް.އެފް.ސީ) އާއި މޯލްޑިވްސް މާކެޓިންގް އެންޑް ޕަބްލިކް ރިލޭޝަންސް ކޯޕަރޭޝަން (އެމްއެމްޕީއާރުސީ) / ވިޒިޓް މޯލްޑިވްސްއާ ގުޅިގެން، ދިވެހިރާއްޖޭގެ ފަތުރުވެރިކަން އިޝްތިހާރުކުރުމަށް ކުރިއަށްގެންދާ ކޯ-ބްރޭންޑިންގ ކެމްޕޭން ފެށުމުގެ ހަރަކާތުގައި ބައިވެރިވެވަޑައިގަތުމަށް ކުރައްވާ ދަތުރުފުޅެކެވެ.

