ރޭ އަލިފާން ރޯވެ، އަނދަމުންދިޔަ "ހޮޅުދޫ ބޯޓު" މިއަދު ދަންވަރު 2:07 ހާއިރު އަޑިއަށް ގޮސްފިއެވެ. އެ ބޯޓުން ދަތުރުކުރި އެއް ފަޅުވެރިޔަކު ހޯދުމުގެ މަސައްކަތް އެމްއެންޑީއެފުން ދަނީ ކުރަމުންނެވެ.
އެމްއެންޑީއެފުން ބުނާ ގޮތުގައި ބޯޓުގައި އަލިފާން ރޯވީ ރޭ 9:07 ހާއިރު، ތ. ހިރިލަންދޫން މާލެއަށް ދަތުރު ކުރަމުން ދަނިކޮށެވެ. މި ހާދިސާގައި ގެއްލިފައި ވަނީ ލ. މާވަށަށް ނިސްބަތްވާ 25 އަހަރުގެ އަލީ މުޝްފިގް މުހައްމަދު ޝަރީފް އެވެ.
ބޯޓުގައި ދަތުރުކުރަމުން ދިޔައީ ކެޕްޓަނާއެކު ޖުމްލަ 18 މީހުންނެވެ. އޭގެ ތެރެއިން 17 މީހުން ވަނީ ސަލާމަތް ކުރެވިފައެވެ. މުޝްފިގް ހޯދުމުގެ މަސައްކަތް އެމްއެންޑީއެފް ސެންޓްރަލް އޭރިއާ ކޮމާންޑް ކޯސްޓްގާޑުން ދަނީ ކުރަމުންނެވެ. މި މަސައްކަތުގައި ޑްރޯން ވެސް ބޭނުން ކުރަމުންދާ ކަމަށް އެމްއެންޑީއެފުން ވަނީ ހާމަ ކޮށްފައެވެ.
ލ. މާވަށު ކައުންސިލްގެ ރައީސް އަޙްމަދު މޫސާ ހުވަދޫމީޑިއާއަށް ދެއްވި މަޢުލޫމާތުގައި ވިދާޅުވި ގޮތުން، މި ބޯޓަކީ މާވަށަށްވެސް ދަތުރުކުރާ އުޅަނދެކެވެ. އަދި މި ބޯޓުން މާވަށް އަދި ހިރިލަންދޫ މީހުންވެސް ދަތުރު ކުރާ ކަމަށް އަހުމަދު ވިދާޅުވިއެވެ.
އެމްއެންޑީއެފުން ވަނީ ބޯޓު އަޑިއަށް ދިއުމާ ގުޅިގެން އެ ސަރަހައްދުން ދަތުރު ކުރާ އުޅަނދު ފަހަރަށް ސަމާލުވުމަށް އިލްތިމާސް ކޮށްފައެވެ.
"ބޯޓުގެ ބައިތައް އޮޔާދާތީ، އެ ސަރަހައްދުން ދަތުރުކުރައްވާ ފަރާތްތަކުން މިކަމަށް ސަމާލުކަން ދެއްވުމަށް އިލްތިމާސްކުރަން. އަދި ރޭގަނޑު މި ސަރަހައްދުން ދަތުރުކުރައްވާ ފަރާތްތަކުން ދަތުރުކުރެއްވުމުގައި ހާއްސަ ސަމާލުކަމެއް ދެއްވުމަށް ވެސް އިލްތިމާސްކުރަން،" އެމްއެންޑީއެފުން ބުންޏެވެ.

