އިނގިރޭސި ޕްރިމިއަރ ލީގުގައި އެވަރޓަން އާއި ލިވަޕޫލް ބައްދަލުކުރި މަރސޭސައިޑް ޑަރބީގައި، މޯލްޑިވްސް މާކެޓިންގ އެންޑް ޕަބްލިކް ރިލޭޝަންސް ކޯޕަރޭޝަން (އެމްއެމްޕީއާރްސީ) އާއި ލިވަޕޫލް ގުޅިގެން ކުރިއަށް ގެންދާ ރާއްޖޭގެ ފަތުރުވެރިކަމުގެ ކެމްޕެއިން ރަސްމީކޮށް ފަށައި، މި މެޗު ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ބައްލަވާލައްވައިފިއެވެ.
މިއީ އެމްއެމްޕީއާރްސީން ލިވަޕޫލްގެ ރަސްމީ ޓޫރިސްޓް ޑެސްޓިނޭޝަން ޕާޓްނަރުގެ ގޮތުގައި މިދިޔަ މަހުގެ 13 ވަނަ ދުވަހު އިޢުލާންކުރި ޕާޓްނަރޝިޕްގެ ދަށުން ފެށި ކެމްޕެއިނެވެ. މި ޕާޓްނަރޝިޕްގެ ދަށުން ތިން އަހަރާއި ހަ މަސްދުވަހުގެ ބައިނަލްއަޤުވާމީ ކެމްޕެއިނެއް ކުރިއަށްގެންދިއުމަށް ވަނީ ރޭވިފައެވެ.
މި ޕާޓްނަރޝިޕްގެ ދަށުން މާރިޗު 27 ގައި ވިޒިޓް މޯލްޑިވްސްއިން ވަނީ އިނގިރޭސިވިލާތުގައި ފުޅާ ދާއިރާއެއްގައި އައުޓްޑޯ ކެމްޕެއިނެއް ފަށާފައެވެ. ތިން މަސްދުވަހުގެ މި ކެމްޕެއިންގެ ދަށުން ލަންޑަންގެ 100 ޓެކްސީއެއްގައްޔާއި، ބަސްތަކާއި ލަންޑަން އަންޑަރގްރައުންޑް، ވައިގެބަނދަރުތައް، އަދި ބިޒްނަސް ކްލާސް ލައުންޖުތަކުގައި ވިޒިޓް މޯލްޑިވްސް ބްރޭންޑް އިޝްތިހާރުކުރެވޭނެއެވެ.
އަދި ލިވަޕޫލްގެ އަމިއްލަ ދަނޑު، އެންފީލްޑްގައި ކުޅޭ މެޗުތަކުގައި ސްޓޭޑިއަމްގެ ލެޑް ސައިނޭޖް މެދުވެރިކޮށާއި، ކްލަބުގެ ރަސްމީ ލުއިފޮތްތަކާއި ޔޫރަޕުގެ އެކި ސަރަޙައްދުތަކުގައި ހުންނަ ބިލްބޯޑުތަކުގައި ރާއްޖޭގެ ބްރޭންޑް އިޝްތިހާރުކުރެވޭނެއެވެ.
މި ދަތުރުފުޅުގައި ރައީސުލްޖުމްހޫރިއްޔާގެ އަރިހުގައި މިނިސްޓަރ އޮފް ޓޫރިޒަމް އެންޑް އެންވަޔަރަމަންޓް ޠާރިޤް އިބްރާހީމާއި، މިނިސްޓަރ އޮފް ސްޕޯޓްސް ފިޓްނަސް އެންޑް ރެކްރިއޭޝަން ޢަބްދުﷲ ރަފީޢު އާއި، އެމްއެމްޕީއާރްސީގެ މެނޭޖިންގ ޑިރެކްޓަރ އިބްރާހީމް ޝިއުރީ އަދި ސަރުކާރުގެ އެހެނިހެން އިސްވެރިން ބައިވެރިވެވަޑައިގެންނެވިއެވެ.

