މިފްކޯއިން މަސްވެރިންނަށް ދެ މިލިޔަނަށް ވުރެ ގިނަ ރުފިޔާ ދޫކޮށްފިއެވެ. މިއީ 1 އޭޕްރީލް ވަނަ ދުވަހު މަސްވެރިން މިފްކޯއަށް ކިރާފައިވާ މަހުގެ އަގަށްވާ ފައިސާއެވެ.
މިފްކޯއިން މަޢުލޫމާތު ދޭ ގޮތުގައި، 1 އޭޕްރީލްގައި 19 ދޯންޏަކުން ވަނީ މަސް ކިރާފައެވެ. އަދި މި ދޯނިތަކަށް ޖުމްލަ 2،090،971 ރުފިޔާ ދޫކޮށްފައިވާ ކަމަށް އެ ކުންފުނިން ވަނީ ބުނެފައެވެ. އަދި 3 އޭޕްރީލް އާ ހަމައަށް ދައްކަންޖެހޭ ހުރިހާ ފައިސާއެއް ދައްކައި ނިމިފައިވާނެ ކަމަށްވެސް މިފްކޯ އިން ވަނީ ބުނެފައެވެ.
މިފްކޯއިން މިހާރު ޢަމަލު ކުރަމުން ދަނީ ރައީސް، ޑރ. މުޙައްމަދު މުއިއްޒުގެ ވަޢުދުފުޅާ އެއްގޮތަށް، ކިރާ މަހަށް 48 ގަޑިއިރު ތެރޭގައި ފައިސާ ދެއްކުމުގެ އުސޫލުންނެވެ. މި ސަރުކާރުން މަސްވެރިކަމުގެ ސިނާޢަތް ކުރިއެރުވުމަށް ގިނަ މަސައްކަތްތަކެއް ކުރަމުންދާއިރު، އޭގެތެރޭގައި އެސްޓީއޯ ރޭޓުގައި މަސްވެރިންނަށް ތެޔޮ ލިބޭނެ އިންތިޒާމު ހަމަޖެއްސުން ހިމެނެއެވެ.
މިހާރު ވަނީ ހުޅުމާލެ ކަންނެލި ޖެޓީގެ އިތުރުން، ކ. ހިންމަފުށި، ޅ. ފެލިވަރު، ގއ. ކޫއްޑޫ، އަދި ސ. ހުޅުމީދޫއިން އެސްޓީއޯ ރޭޓުގައި ތެޔޮ ވިއްކަން ފަށާފައެވެ. މީގެ އިތުރުން، މަސްވެރިންނަށް ލުއިފަސޭހަ ގޮތްތަކެއް ހޯދައިދިނުމަށްޓަކައި، މަސްވެރިކަމުގެ ލޯނު ސްކީމްތައް ތަޢާރަފުކޮށް، މަސްވެރިކަމުގެ އާލާތްތައް އަގުހެޔޮކޮށް ލިބޭނެ މަގު ފަހިކޮށްދީފައިވެއެވެ.

