ރާއްޖޭގެ ފަތުރުވެރިކަން އިޝްތިހާރުކުރުމަށް ލިވަޕޫލް ފުޓްބޯޅަ ކުލަބާއެކު ވެފައިވާ އެއްބަސްވުމަކީ ރާއްޖޭގެ ފަތުރުވެރިކަމާއި އިޤްތިޞާދަށް ކުރެވޭ މުހިންމު އިންވެސްޓްމަންޓެއް ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ. މިކަން ރައީސް ފާހަގަކުރެއްވީ "ރައްޔިތުންނާއިއެކު" ޕޮޑްކާސްޓްގެ ދެވަނަ އެޕިސޯޑުގައެވެ.
އިނގިރޭސިވިލާތަކީ ރާއްޖެއަށް ގިނަ ފަތުރުވެރިން ޒިޔާރަތްކުރާ ޤައުމަކަށްވުމާއެކު، ލިވަޕޫލްގެ ޓޫރިޒަމް ޑެސްޓިނޭޝަނަކަށް ރާއްޖެ ހެދުމަށް މޯލްޑިވްސް މާކެޓިންގ އެންޑް ޕަބްލިކް ރިލޭޝަންސް ކޯޕަރޭޝަން (އެމްއެމްޕީއާރްސީ) އާއެކު ވެފައިވާ އެއްބަސްވުމުގެ ސަބަބުން މުޅި ޔޫރަޕަށާއި ދުނިޔެއަށް މީގެ އެކްސްޕޯޝަރ ލިބޭނެކަމަށް ރައީސް ފާހަގަކުރެއްވިއެވެ.
"އެއީ، ރާއްޖޭގެ ޓޫރިޒަމާއި އަދި އިޤްތިޞާދަށް ކުރެވޭ މުހިންމު އިންވެސްޓްމަންޓެއް ޙަޤީޤަތުގައި މިއީ. މިކަން ކުރިއަށް ގެންދިޔުމަކީ މިއީ، މި ޕާޓްނަރޝިޕްގެ ތެރެއިން ރާއްޖެއަށް މިކަން ފަހިކޮށްދިނުން،" ރައީސް ވިދާޅުވިއެވެ.
މި ދަތުރުފުޅުގެ އިތުރު މުހިންމު ބޭނުމެއްގެ ގޮތުގައި ރައީސް ފާހަގަކުރެއްވީ ލިވަޕޫލްގެ ފުޓްބޯލް އެކަޑަމީއެއް ރާއްޖޭގައި ގާއިމުކުރުމަށް މަގުފަހިކުރުމެވެ. މިފަދަ އެކަޑަމީއެއް ގާއިމުކުރެވިއްޖެނަމަ، އެއީ ރާއްޖޭގެ ޒުވާނުންނަށާއި ކުޑަކުދިންނަށް ލިބިގެންދާނެ މުހިންމު ފުރުޞަތެއްކަމަށް ރައީސް ވިދާޅުވިއެވެ.
ރޭ ލިވަޕޫލްގެ އެންފީލްޑް ދަނޑުގައި ބޭއްވުނު ލިވަޕޫލާއި އެވަޓަން ބައްދަލުކުރި މެޗުގައި ދަނޑުގެ ލެޑް ޕެނަލްތަކުން ރާއްޖޭގެ އިޝްތިހާރު ދެއްކުމާއެކު، ލިވަޕޫލްގެ ހުރިހާ ސޯޝަލް މީޑިއާ ޕްލެޓްފޯމްތަކާއި މާޗެންޑައިޒްގައިވެސް ރާއްޖޭގެ އިޝްތިހާރު ވަނީ ދައްކަން ފަށާފައެވެ.
މި ކެމްޕޭން ފެށުމުގެ ރަސްމިއްޔާތުގައި ރައީސް މުޢިއްޒުގެ އިތުރުން ޓުއަރިޒަމް މިނިސްޓަރ ތޯރިގް އިބްރާހިމް، ކުޅިވަރު ވަޒީރު އަބްދުﷲ ރާފިއު އަދި އެމްއެމްޕީއާރްސީގެ މެނޭޖިންގ ޑިރެކްޓަރ އިބްރާހިމް ޝިޢުރީވެސް ބައިވެރިވެވަޑައިގެންނެވިއެވެ.

