ރާއްޖޭގައި ދުންފަތުގެ އިސްތިއުމާލު ކުރެވޭ އުމުރުފުރާ ކަނޑައެޅުމަށްޓަކައި އާންމުންގެ ޚިޔާލު ހޯއްދެވުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ހުޅުވާލައްވައިފިއެވެ.
ދިވެހި ޒުވާނުން ދުންފަތުގެ ނުރައްކާތެރި އާދައިގެ ތެރެއަށް ވަނުން ހުއްޓުވުމަކީ ސަރުކާރުގެ އިސް އަމާޒެއްކަމަށް ވިދާޅުވަމުން، “ދުންފަތުގެ އިސްތިއުމާލުކުރުން އާދައަކަށް ނުވަނީސް އެކަން ހުއްޓުވަންޖެހޭ” ކަމަށް ރައީސް ޑރ މުޢިއްޒު ވިދާޅުވިއެވެ.
މި މައްސަލަ ހައްލުކުރުމަށް “ޖެނެރޭޝަން ބޭން” އެއް ގެނައުމަށް ސަރުކާރުން ވިސްނާ ކަމަށާއި، މިކަމާ ގުޅޭގޮތުން ތިން އޮޕްޝަނެއް ހުށަހަޅުއްވާފައިވެއެވެ. އެގޮތުން، 2000 ވަނަ އަހަރުން ފެށިގެން އުފަންވާ ކުދިންނަށް (25 އަހަރުން ދަށް)، ނުވަތަ 2004 ވަނަ އަހަރުން ފެށިގެން އުފަންވާ ކުދިންނަށް (21 އަހަރުން ދަށް)، ނުވަތަ 2007 ވަނަ އަހަރުން ފެށިގެން އުފަންވާ ކުދިންނަށް (18 އަހަރުން ދަށް) ދުންފަތުގެ އިސްތިއުމާލުކުރުން މަނާކުރުމަށް ވިސްނާ ކަމަށް ރައީސް ވަނީ ހާމަކުރައްވާފައެވެ.
އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ރައީސް މުޢިއްޒު ވިދާޅުވެފައިވަނީ، “ދުންފަތުގެ އިސްތިއުމާލުކުރުން މަނާކުރުމުގެ ޖީލުތަކެއް ރާއްޖޭގައި ތަންފީޒުކުރާނަމަ، އަޅުގަނޑުމެންގެ ޒުވާނުންނާއި އަންނަން އޮތް ޖީލުތަކުގެ ސިއްޙަތު ރައްކާތެރިކުރެވިގެންދާނެ” ކަމަށެވެ.
މީގެއިތުރުން، ދުންފަތުގެ އިސްތިއުމާލުކުރާ އެހެނިހެން އުމުރުފުރާތަކުގެ މީހުންވެސް އެ އާދަ ދޫކޮށްލުމަށާއި، ރާއްޖެއަށް ދުންފަތުގެ ބާވަތްތައް އެތެރެކޮށް ވިޔަފާރިކުރާ ފަރާތްތަކުން އެކަން ހުއްޓާލުމަށް ރައީސް މުޢިއްޒު ވަނީ އިލްތިމާސްކުރައްވާފައެވެ.

