"ހޮޅުދޫ ބޯޓު" މުދާ އުފުލާ ދޯނީގައި ރޯވި އަލިފާނުގެ ހާދިސާގައި ގެއްލިފައިވާ ލ. މާވަށު ޒުވާނާ ހޯދުމަށް މިހާތަނަށް 53 ނޯޓިކަލް މޭލަށްވުރެ ބޮޑު ސަރަޙައްދެއް ބަލައިފައިވާކަމަށް މޯލްޑިވްސް ނޭޝަނަލް ޑިފެންސް ފޯސް (އެމްއެންޑީއެފް) އިން ހާމަކޮށްފިއެވެ.
އެމްއެންޑީއެފްއިން ބުނީ ކޯސްޓްގާޑްގެ ތިން އުޅަނދެއްގެ އިތުރުން ޑައިވަރުންނާއި އެއާރ ކޯރގެ ޑްރޯން އަދި އެމްއެންޑީއެފް ސެންޓްރަލް އޭރިއާ ކޮމާންޑްގެ ސިފައިން ހުއްޓުމެއްނެތި މުޝްފިޤް ހޯދުމުގެ މަސައްކަތުގައި ދަނީ ހަރަކާތްތެރިވަމުން ކަމަށާއި މި ސާރޗް އޮޕަރޭޝަންގައި މިހާތަނަށް ކަނޑު އަޑީގެ 64,240 އަކަމީޓަރުގެ ސަރަޙައްދަކާއި، ވައިގެ މަގުން 4,000 އަކަ ކިލޯމީޓަރުގެ ސަރަޙައްދެއް ބަލާފައިވެއެވެ.
ތ. ހިރިލަންދޫއިން މާލެއަށް ދަތުރުކުރަމުންދިޔަ "ހޮޅުދޫ ބޯޓު" ގައި އަލިފާން ރޯވެފައިވަނީ ރޭގެ ވަގުތެއްގައެވެ. މި ހާދިސާ ހިނގިއިރު ބޯޓުގައި ތިބި 18 ފަރާތުގެ ތެރެއިން 17 މީހުން ވަނީ ސަލާމަތްކުރެވިފައެވެ. އަދި މިވަގުތު ނުފެނި ހޯދަމުންދަނީ އުމުރުން 25 އަހަރުގެ ޢަލީ މުޝްފިޤް މުޙައްމަދު ޝަރީފެވެ.
އަލިފާނުގެ ހާދިސާއާ ގުޅިގެން ބޯޓު އަޑިއަށް ގޮސް، އޭގެ ބައިތައް އޮޔާދާތީ އެ ސަރަޙައްދުން ދަތުރުކުރާ އުޅަނދުފަހަރުން ޚާއްޞަ ސަމާލުކަމެއް ދިނުމަށް އެމްއެންޑީއެފްއިން ވަނީ އިލްތިމާސްކޮށްފައެވެ.

