ހުޅުމާލެއަށް ގިނަ އަދަދެއްގެ ބަނގުރާ ހިފައިގެން ދިޔަ ބިދޭސީއަކު ހައްޔަރުކޮށްފިއެވެ.
ފުލުހުންގެ މަޢުލޫމާތު ދޭގޮތުގައި، ބަނގުރާ ކަމަށް ޝައްކުކުރެވޭ އެއްޗެއް ހުރި ފުޅިތަކަކާއި ފޮށިތަކެއް އަރުވައިގެން ވޭނެއް ހުޅުމާލެއަށް ދަތުރުކުރާ ކަމަށް ލިބުނު މަޢުލޫމާތަކާ ގުޅިގެން ރޭ 21:46 ގައި ހުޅުމާލޭ ރީތިގަސް މަގުން އެ ވޭން ހުއްޓުވައި ބަލައި ފާސްކުރި ކަމަށެވެ. އަދި ޗެކްކުރިއިރު އޭގެއިން ބަނގުރާ ކަމަށް ބެލެވޭ 500 މިލީލީޓަރުގެ 75 ފުޅި ފެނިފައިވެއެވެ.
މި މައްސަލައާ ގުޅިގެން، ވޭން ދުއްވި ނޭޕާލްގެ ރައްޔިތެއް ކަމަށްވާ 37 އަހަރުގެ ތިރްތަ ބަހާދުރު ބީ.ކޭ ވަނީ ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފައެވެ.
ފުލުހުން މިހާރު ދަނީ މި މައްސަލަ ތަޙުޤީޤުކުރަމުންނެވެ.

