ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު، އިނގިރޭސިވިލާތަށް ކުރައްވަމުން ގެންދަވާ ރަސްމީ ދަތުރުފުޅުގެ ތެރެއިން "ފުޓްބޯޅަ ފޯ ޕީސް"އާ ބައްދަލުކުރައްވައި އެ ޖަމިއްޔާގެ މަސައްކަތްތައް ބައްލަވާލައްވައިފިއެވެ.
މި ބައްދަލުކުރެއްވުމުގައި ރައީސް ޑރ މުއިއްޒު އަށް މަރުޙަބާ ދެންނެވީ "ފުޓްބޯޅަ ފޯ ޕީސް" ގެ ހިއްސާދާރެއް އަދި ކުރީގެ ޕްރޮފެޝަނަލް ފުޓްބޯޅަ ކުޅުންތެރިއެއް ކަމުގައިވާ މިސްޓަރ ކާޝިފް ސިއްދީޤީ އާއި، ބްރެޑްފޯޑް ސިޓީ އޮފް ކަލްޗަރ 2025 ގެ ސީއީއޯ މިސް ޝަހްނާޒް ގުލްޒާރެވެ.
މި ބައްދަލު ކުރެއްވުމުގެ ތެރެއިން ރައީސް ޑރ މުއިއްޒު އަށް ޔުނިވަރސިޓީގެ ޕީސް ސެންޓަރާއެކު "ފުޓްބޯޅަ ފޯ ޕީސް" އިން ކުރިއަށްގެންދާ ހަރަކާތްތަކާ ބެހޭ މަޢުލޫމާތު ދެވުނެވެ. އަދި އެމަނިކުފާނު ފުޓްބޯޅަ ދަނޑުތަކަށް ޒިޔާރަތްކުރައްވައި، އެވަގުތު އެތަނުގައި ތަމްރީނުކުރަމުންދިޔަ ޒުވާނުންނާ ބައްދަލުކުރެއްވިއެވެ.
2013 ވަނަ އަހަރު އުފެދުނު "ފުޓްބޯޅަ ފޯ ޕީސް" އަކީ އދ. ގެ އޮފީސް ފޯ ސްޕޯޓް ފޯ ޑިވެލޮޕްމަންޓް އެންޑް ޕީސްގެ އެހީތެރިކަމާއެކު ހިންގާ، ފުޓްބޯޅައިގެ ޒަރީޢާއިން އިޖްތިމާޢީ މައްސަލަތައް ހައްލުކުރުމުގައި ޒުވާނުން ބާރުވެރިކުރުވުމަށް މަސައްކަތްކުރާ ބައިނަލްއަޤްވާމީ ހިލޭސާބަހަށް މަސައްކަތްކުރާ ޖަމްޢިއްޔާއެކެވެ.
މި ޖަމްޢިއްޔާއިން ދަނީ ސުލްޙައާއި ހަމަޖެހުން ކުރިއަރުވައި، އިޖްތިމާޢީ ގޮތުން އެންމެން ހިމަނައިގެން ކުރިއަށްދިއުމަށް އެއްބާރުލުންދީ، ސްޕޯޓްސް ޑިޕްލޮމެސީ އާއި ލޯކަލް ޕްރޮގްރާމްތަކުގެ ތެރެއިން އެކި ފަންތީގެ މީހުން ގުޅިގެން މަސައްކަތްކުރުމަށް އެހީތެރިވެދެމުންނެވެ. އަދި އެކަހެރިވެފައިވާ މުޖްތަމަޢުތައް ބާރުވެރިކުރުވައި، ޒުވާނުންނަށް ޓީމްވޯކާއި މައްސަލަތައް ހައްލުކުރާނެ ގޮތްތައް ދަސްކޮށްދިނުމުގެ މަސައްކަތްވެސް ކުރަމުންނެވެ.
މީގެ އިތުރުން، މި ޖަމްޢިއްޔާއިން ކުރިއަށްގެންދާ ޗެރިޓީ މެޗުތަކާއި ތަމްރީނު ޕްރޮގްރާމްތަކުގެ ސަބަބުން ކުޑަކުދިންނާއި، ކޯޗުން އަދި ޓީމް މެނޭޖަރުންނަށް ބޭނުންވާ ހުނަރުތައް ތަރައްޤީވެގެންދާކަން ފާހަގަކުރެވެއެވެ. މިކަމުގެ ސަބަބުން ދުނިޔޭގެ ފެންވަރުގައި އެ ޖަމްޢިއްޔާގެ މަސައްކަތުގެ އަސަރު ފެންނަމުންދާކަން ފާހަގަކުރެވެއެވެ.

