ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު، އިނގިރޭސިވިލާތުގެ ބްރެޑްފޯޑްގެ ސެންޓެނަރީ ސްކޮއަރގައި ޤާއިމްކޮށްފައިވާ 2025 ވަނަ އަހަރުގެ ރަމަޟާން ޕެވިލިއަން، "އިންފިނިޓް ލައިޓް" އަށް މިއަދު ޒިޔާރަތްކުރައްވައިފިއެވެ.
"ޔޫކޭ ސިޓީ އޮފް ކަލްޗަރ 2025" ގެ ފާހަގަކުރުމުގެ ގޮތުން ތައްޔާރުކޮށްފައިވާ މި އައު ޕެވިލިއަނަކީ ބްރެޑްފޯޑްގެ 2025 ވަނަ އަހަރުގެ ރަމަޟާން ފެސްޓިވަލުގެ ތެރެއިން އުފައްދާފައިވާ ޕެވިލިއަނެކެވެ. މި އަހަރުގެ ޝިޢާރު "ކަނެކްޝަން" ނުވަތަ ގުޅުން ދައްކުވައިދޭ ގޮތަށް ފަރުމާކޮށްފައިވާ މި ޕެވިލިއަން ހުންނަނީ ބްރެޑްފޯޑް ސިޓީ ހޯލް ކުރިމަތީގައެވެ.
އެކިއެކި އާކިޓެކްޗަރަލް ސްޓައިލްތައް އެއްކޮށްލައިގެން ތައްޔާރުކޮށްފައިވާ މި ޕެވިލިއަނުން ރަމްޒުކޮށްދެނީ މީހުންގެ މެދުގައި އެއްބައިވަންތަކަމާއި، ހަމަޖެހުމާއި އެކަކު އަނެކަކާމެދު ވިސްނުމުގެ މުހިންމުކަމެވެ. މި ޕެވިލިއަނަށް ރައީސް ޑރ މުޢިއްޒު ޒިޔާރަތްކުރެއްވުމަކީ ދެ ޤައުމުގެ ދެމެދުގައި އޮތް ގުޅުން އިތުރަށް ބަދަހިކުރުމަށް މަގުފަހިވެގެންދާނެ ކަމެއްގެ ގޮތުގައި ބެލެވެއެވެ.
ރައީސް ޑރ މުއިއްޒު އިނގިރޭސިވިލާތަށް މިހާރު ކުރައްވަމުން ގެންދަވާ ދަތުރުފުޅުގެ މައިގަނޑު މަޤްޞަދަކީ، ލިވަޕޫލް ފުޓްބޯލް ކްލަބް (އެލް.އެފް.ސީ) އާއި މޯލްޑިވްސް މާކެޓިންގް އެންޑް ޕަބްލިކް ރިލޭޝަންސް ކޯޕަރޭޝަން (އެމް.އެމް.ޕީ.އާރު.ސީ) / ވިޒިޓް މޯލްޑިވްސްއާ ގުޅިގެން، ދިވެހިރާއްޖޭގެ ފަތުރުވެރިކަން އިސްތިހާރު ކުރުމަށް ކުރިއަށްގެންދާ ކޯ-ބްރޭންޑިންގ ކެމްޕޭން ފެށުމުގެ ހަރަކާތުގައި ބައިވެރިވެވަޑައިގަތުމެވެ.
މި ދަތުރުފުޅުގެ ތެރެއިން ރައީސް މުޢިއްޒު ވަނީ ލިވަޕޫލްގެ އަކްސާ ޓްރެއިނިންގ ސެންޓަރަށް ޒިޔާރަތް ކުރައްވައި، ލިވަރޕޫލްގައި ކިޔަވާ ދިވެހި ދަރިވަރުންނާ ބައްދަލުކުރައްވައިފައެވެ. އަދި އިނގިރޭސި ޕްރިމިއަރ ލީގުގައި އެވަރޓަން އާއި ލިވަރޕޫލް ފުޓްބޯލް ކްލަބް (އެލް.އެފް.ސީ) ބައްދަލުކުރި މެޗު ބައްލަވާލައްވައި، އެ މެޗުގައި ރާއްޖޭގެ ފަތުރުވެރިކަމުގެ ކެމްޕެއިން ރަސްމީކޮށް ފައްޓަވައިދެއްވާފައެވެ.
ހަމަ މި ދަތުރުފުޅުގައި ރައީސް ޑރ. މުޢިއްޒު ވަނީ ލިވަރޕޫލްގެ އުއްމީދީ ކުޅުންތެރިޔާ ކެނީ ޑަލްގްލިޝްއާއި ލެޖެންޑް އިޔާން ރަޝްއާ ވެސް ބައްދަލުކުރައްވާފައެވެ.
މީގެއިތުރުން ރައީސް ޑރ. މުޢިއްޒު ވަނީ "ފުޓްބޯލް ފޯރ ޕީސް" ޖަމިއްޔާގެ މަސައްކަތްތައް ބައްލަވާލައްވާފައެވެ. މި ޖަމިއްޔާއަކީ ފުޓްބޯލްގެ ޒަރީއާއިން އެކި މުޖުތަމަޢުތަކުގެ މެދުގައި އޮންނަ ގުޅުން ބަދަހިކޮށް، ސުލްޙަ މަސަލަސްކަން ޤާއިމްކުރުމަށް މަސައްކަތްކުރާ ޖަމިއްޔާއެކެވެ.

