އއ. ހިމަންދޫ ފަޅުތެރޭގައި އޮތް މާލެ ދަތުރުކުރާ ލޯންޗެއްގައި މިއަދު ރޯވެ އަނދަމުން ގޮސް ހުލިވެ އެންމެފަހުން އަޑިއަށް ހިނގައްޖެއެވެ. މި ހާދިސާ ހިނގާފައިވަނީ “ކައެލް ވިންގް” ނަމަކަށް ކިޔާ ލޯންޗެއްގައެވެ.
މި ލޯންޗަކީ ގާތްގަނޑަކަށް 50 މީހުންގެ ޖާގައިގެ، އއ. މާޅޮސް، ހިމަންދޫ އަދި ފެރިދޫއިން މާލެއަށް ދަތުރުކުރާ ލޯންޗެކެވެ. މައުލޫމާތު ލިބިފައިވާ ގޮތުގައި، ލޯންޗުގައި އަލިފާން ރޯވެފައިވަނީ ލޯންޗު ސްޓާޓް ކުރަން އުޅުނު ވަގުތު އިވުނު ބާރުގަދަ އަޑަކާ އެކުގައެވެ.
“ވަރަށް ބާރު އަޑެއް އިވުނުކަމަށާއި މުޅި ރަށަށް ކަހަލަ ގޮތަކަށް އެ އަޑު އިވުނު ކަމަށް ހިމަންދޫ ޒުވާނަކު ހުވަދޫމީޑިއާ އަށް މައުލޫމާތު ދެމުން ބުންޏެވެ.
މި ހާދިސާގައި ލޯންޗުގައި މަސައްކަތްކުރާ ބިދޭސީ ފިރިހެނެއް ހޭނެތުމާ ގުޅިގެން، އޭނާއަށް ފަރުވާ ދިނުމަށްޓަކައި ހިމަންދޫ ހެލްތު ސެންޓަރަށް ގެންގޮސްފައިވެއެވެ. އަދި ހާދިސާ ހިނގި ސަރަހައްދުގައި ހުރި އެހެން ލޯންޗުތައް ވަނީ ރައްކާތެރިކަމަށްޓަކައި ދުރަށް ޖައްސާފައެވެ.
މި ހާދިސާއާ ގުޅިގެން ފުލުހުން ވަނީ އެ ސަރަހައްދުގައި ހަރަކާތްތެރިވަމުންދާ ކަމަށް އެރަށު މީހަކު ބުނި ނަމަވެސް މި ހާދިސާއާ ގުޅޭގޮތުން ފުލުހުންގެ އެއްވެސް ބަހެއް ލިބިފައެއް ނުވެއެވެ.

