މާތް اللهއަށް އެންމެ ބޮޑަށް ބިރުވެތިވެ، ތަޤްވާވެރިވާ މީހުންނަކީ، ޢިލްމު އުނގެނި އެ ޢިލްމާ އެއްގޮތަށް ޢަމަލުކުރާ މީހުން ކަމަށް ހުތުބާގައި ބުނެފިއެވެ.
“ޢިލްމު އުނގެނުމުގެ މާތްކަން” މި މައުޟޫއަށް މިއަދު ދިން ހުތުބާގައި ބުނީ، މާތް الله ޢިލްމުވެރީންނަށް ޚާއްޞަކަމެއް ދެއްވައިފައިވާ ކަމަށެވެ.
ނުދަނެ ހުރެ އަޅުކަން ކުރާ މީހަކަށް ބާޠިލު ގޮތުގައި އަޅުކަމެއް ކުރުމަށް ޝައިޠާނާ ވިސްނައިދީފާނެ ކަމަށާއި، އެކަމުގެ ސަބަބުން އޭނާ މަގުފުރެދި އެހެންމީހުންވެސް މަގުފުރައްދައިފާނެ ކަމަށް ހުތުބާގައި ވަނީ ބުނެފައެވެ. އެހެނެއްކަމަކު ޢިލްމުވެރިޔާ މަގުފުރައްދާކަށް ޝައިޠާނާއަކަށް ފަސޭހައެއް ނުވާނެ ކަމަށާއި، އޭގެ ބަދަލުގައި އޭނާ، އޭނާއަށް ލިބިފައިވާ ޢިލްމުގެ މަތީގައި ސާބިތުވެ ހުރެ، އަނެކުން ވެސް ހެޔޮ މަގަށް އަޅުވަން މަސައްކަތް ކުރާނެ ކަމަށެވެ.
ޢިލްމު އުނގެނުމަކީ ކޮންމެ މުސްލިމެއްގެ މައްޗަށް ވާޖިބުވެގެންވާ ކަމެއް ކަމަށާއި، ޢިލްމު އުނގެނުމަށް ކީރިތި ރަސޫލާ ވަރަށް ބޮޑަށް ބާރުއަޅުއްވާފައިވާ ކަމަށް ޚުޠުބާގައި ވަނީ ބުނެފަައެވެ. އަދި ބަދުރު ހަނގުރާމައިގެ އަސީރުން މިނިވަންވުމަށް ފިދުޔައިގެ ބަދަލުގައި މުސްލިމް 10 ކުއްޖަކަށް ލިޔަންކިޔަން ދަސްކޮށްދިނުން ޝަރުތު ކުރެއްވުމުން ޢިލްމުގެ މަޤާމުގެ މަތިވެރިކަން ދޭހަވާ ކަމަށް ބުނެފައިވެއެވެ.
ހެޔޮ ކަމަށް އެދޭ މީހުން ޝަރުޢީ ޢިލްމު އުނގެނުމަށް ވަގުތުކޮޅެއް ހުސްކުރުން މުހިންމު ކަމަށާއި، އުމުރުން ކޮންމެ ދުވަހަކީވެސް ޢިލްމު އުނގެނުމަށް ވަގުތުކޮޅެއް ހޭދަކުރެވިދާނެ ދުވަހެއް ކަމަށް ޚުޠުބާގައި ވަނީ ހާމަކޮށްފަައެވެ. އެއީ ޢިލްމު އުނގެނުމަކީ ތިމާއަށާއި އެހެން މީހުންނަށް ނުހަނު ފައިދާއާއި ލާބަ ހުރި ކަމަކަށްވާތީ ކަމަށާއި، ޢިލްމުވެރިޔާ މަރުވުމަށްފަހުގައިވެސް އޭނާ އުނގެނި، އެހެން މީހުންނަށް ފޯރުކޮށްދީފައިވާ ޢިލްމެއްގެ ފައިދާ ކުރާނެތީ ކަމަށް ޚުޠުބާގައި ވަނީ ބުނެފައެވެ.
މީގެ އިތުރުން، ޢިލްމުގެ މަޤާމު މަތިވެރި ކަމަށާއި، މާތް ﷲ ޢިލްމުވެރިންގެ މަތިވެރިކަން ޤުރުއާނުގައި ބަޔާންކުރައްވާފައިވާ ކަމަށް ޚުޠުބާގައި ބުނެފައިވެއެވެ. އީމާންވެ، ޢިލްމު ލިބިގެންވާ މީހުން އެކަލާނގެ ދަރަޖަތަކަކަށް އުފުއްލަވާނެކަމަށާއި، ޢިލްމުވެރިން އެކަލާނގެ ވަޙްދާނިއްޔަތުގެ މައްޗަށް ހެކިވާ ބައެއްގެ ގޮތުގައި ލައްވާފައިވާ ކަމަށްވެސް ޚުޠުބާގައި ވަނީ ބުނެފައެވެ.
ޚުޠުބާގައި އިތުރަށް ބުނީ، “ނަބީބޭކަލުން މީސްތަކުންނަށް ވާރުތަކުރެއްވީ ޢިލްމެވެ. އަދި ޢިލްމުވެރިންނަކީ ނަބީބޭކަލުންގެ ވާރިޘުންނެވެ.” މިފަދައިންނެވެ. އަދި ޢިލްމުވެރިޔާގެ މަތިވެރިކަން ވަރަށް ބޮޑު ކަމަށާއި، އަޅުވެރިޔާގެ މައްޗަށް ޢިލްމުވެރިޔާ މާތްވެގެންވަނީ ތަރިތަކުގެ މައްޗަށް ހަނދު މާތްވެގެންވާ ފަދައިން ކަމަށް ހުތުބާގައި ވަނީ ބުނެފައެވެ. އެއީ ޢިލްމުވެރިޔާގެ ފަރާތުން މީސްތަކުންނަށް ކުރާ މަންފާ ބޮޑުވާތީ ކަމަށްވެސް ބުންޏެވެ.
ޚުޠުބާގައި އަދިވެސް ބުނީ، “އެއް ހާސް އަޅުވެރީންނަށް ވުރެ، އެންމެ ފަޤީހެއްގެ ބާރު ޝައިޠާނާގެ މައްޗަށް ގަދަވެގެންވެއެވެ.” މި ޙަދީޘް ފުޅު ނަންގަވައި، ޢިލްމުގެ މުހިންމުކަން އިތުރަށް ފާހަގަކޮށްފައިވެއެވެ.
ދީނުގެ ޢިލްމު ލިބިގަތުމަށް ގަދައަޅައި މަސައްކަތްކުރުމާއެކު، އެކަމުގެ މާތް ދަރަޖައާއި ހެޔޮކަން ލިބިގަނެ، އެއިން ދުނިޔެއާއި ޢާޚިރަތުގެ މަގު އާރާސްތުކުރުމަށް ޚުޠުބާގައި ބާރުއަޅާފައިވެއެއެވެ. އަދި ޢިލްމުން އަމިއްލަ ނަފުސާއި، އަނބިދަރީންނާއި، އަވަށްޓެރީންނާއި، މުޅި އިންސާނީ މުޖުތަމަޢަށް އަމާންކަމާއި ރައްކާތެރިކަމާއި ކާމިޔާބީ ހޯދައިދިނުމާއެކު، ޢިލްމު އުނގެނި، އެއާ އެއްގޮތަށް ޢަމަލުކޮށް، މާތް ﷲ ރުއްސަވާ މަގަށް ރުޖޫޢަވުމަށްވެސް ޚުޠުބާގައި ވަނީ ބާރުއަޅައިފައިވެއެވެ.
މިއަދުގެ ޚުޠުބާގައި ޢިލްމު އުނގެނުމުގެ މާތްކަމާއި މުހިންމުކަން ފާހަގަކުރުމާއެކު ކޮންމެ މުސްލިމަކުވެސް ޢިލްމު އުނގެނުމަށް މަސައްކަތްކުރުމުގެ މުހިންމުކަން ބަޔާންކޮށް ދީފައިވެއެވެ. އަދި ޢިލްމުވެރިންގެ މަތިވެރި މަޤާމާއި، ޢިލްމުގެ ސަބަބުން ލިބޭ ދުނިޔަވީ އަދި އުޚްރަވީ ފައިދާތައް ތަފްޞީލުކޮށް ބަޔާންކޮށް ދިނެވެ. ޢިލްމަކީ މަރުވުމަށްފަހުގައިވެސް އޭގެ ފައިދާ ލިބެމުންދާނެ ކަމެއްކަން ތަކުރާރުކޮށް ހަނދާންކޮށްދިނެވެ.

